Saturday, August 27, 2011

A True Story (written by, my wife)


މަންމަ

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އަހަރެންނަށް ހޭލެވުނީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑަށެވެ. ފުންމައިގެން ތެދުވެވުނެވެ. ދެން އިވުނީ މީހަކު ރޯއަޑެވެ. އަހަރެން ވިސްނާލީމެވެ. އާއެކެވެ. އޭއީ ހަމަ މަންމަގެ އަޑެވެ. އަހަރެން މަންމަގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީމެވެ. މަންމަ ރޮނީއެވެ. ވާނުވާ ނޭގިފައި އަހަރެންނަށް ހުރެވުނެވެ. ކުއްލިއަކަށް މަންމަ ބަނޑުގައި އަތްއަޅާފައި ހަޅޭލަވައިގަތެވެ. އަހަރެންނަށް ރެއަކާލީ އަދަކިރިޔާއެވެ. މަންމަ އެއުޅެނީ ވިހަން ބަނޑުގައި ރިހޭތީއެވެ. އަހަރެން ފެނުމުން މަންމަ ވޭނީ އަޑަކުން އަވަހަށް މާމަ ގެންނާށޭ ބުންޔެވެ. އަހަރެން ބޭރަށް ނުކުތީމެވެ. އެކަމް.. ބައްފަވެސް ހުރިނަމައޭ އަހަރެން ހިތައް އެރިއެވެ.

އަހަރެން ހަދާނެގޮތް ހުސްވިއެވެ. އެއޮއް ދަންވަރު ކަޅު އަނދިރީގައި މާމާގެއަށް ދާކަށް އަހަންނަކަށް ނުކެރުނެއެވެ. ގޭތެރޭ ނިދާފާތިބި މައުސޫމް 3 ކޮއްކޮއިންގެ މޫނަށް ބަލައިލީމެވެ. އެކަމަކު އެއިން އެއްވެސް ކުއްޖަކަށް ގޮވާކަށް އަހަރެންނަކަށް ނުކެރުނެވެ. ނީދާފައި ތިބިލެއް ލޯބި ކަމުންނެވެ. އަނެއްކައިވެސް އަހަރެން މަންމަ ކައިރިއަށް ދިޔައީމެވެ. މަންމަ ތެޅިފޮޅެނީއެވެ. ބަނޑުގައި ރިހޭލެއް ގަދަކަމުން ކަންނޭގެއެވެ. އިރުއިރުކޮޅަކާ ހަޅޭވެސް ލަވައިގަނެއެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ.

 ގޭގެދޮރު ހުޅުވައިލީމެވެ. އަދިރިކަމުން ތަނެއްދޮރެއްވެސް ނޭގެއެވެ. މުޅިރަށް އަރާމުގެ ނިންޖަކުން ނީދާފައިވާކަހަލައެވެ.  މަގުމަތިން ފަނިފަކްސަގެ އަޑުނޫން އެހެންއެއްވެސް އަޑެއް ނީވެއެވެ. އަހަރެން ހިތްވަރުކޮށްލާފައި ބޭރަށް ނިކުމެ މާމަގެއަށް ދާން ހިގައިގަތީމެވެ. ހިގަމުން ދިޔައިރު ހީވަނީ މީހަކު އަހަރެންގެ ފަހަތުން އަންނަހެންނެވެ. ބިރުގަތްފައިވާލެއް ބޮޑުކަމުން ކިރިޔާ އަޑެއްއިވުނަސް އަހަރެން ސިހެއެވެ. ކުއްލިއަކަށް ދެބުޅާ ކޯޅިގަތް އަޑަށް އަހަރެންނަށް ބިރުން ހަޅޭލަވައިގަނެފައި ދުއްވައިގަނެވުނެވެ. މާމަގެއާއި ހަމައަށް ދެވުނުއިރު އަހަރެންހުރީ ބިރުން ހަލާކުވާވަރުވެފައެވެ.ވަރުބަލިވެފައިވާލެއް ބޮޑުކަމުން މާބޫވެސް ލެވެއެވެ.

މާމަގެ ކޮޓަރި ހުންނަނީ ގެޔާވަކިން ގޯތިތެރެއަށް ވާގޮތަށެވެ. އަހަރެން ބާރު ބާރަށް ދޮރުގައި ޓަކި ޖެހީމެވެ. ދެތިން ފަހަރު ޓަކިޖަހާއިރަށް މާމަގެ އަޑުއިވުނެވެ. އަދި ކާކުތޯ ސުވާލުކުރިއެވެ. އަހަރެން "މާމާ މީ މަށޭ،ޒާނާއޭ" ބުނެލީމެވެ. މާމައަވަހަށް ދޮރުހުޅުވިއެވެ. "ދަރިފުޅާ މިއޮއް ދަންވަރު ކިހިނެއްވީތަ"؟ މާމަ ބުނެލިއެވެ. "މާމާ މަންމަ މަންމަ" އަހަރެންގެ އަޑުގައިވާ ތުރުތުރުއެޅުމުން އަހަރެން ބުނަން އުޅުނު އެއްޗެއް މާމައަށް ވިސްނުނު ކަހަލައެވެ. މާމަ އަވަހަށް ހެދުން ބަދަލުކޮށްލައިގެން އަހަރެންނާއިއެކު އަހަރެންމެންގެ ގެއައް ދާން ހިގައިގަތެވެ.

ގެއަށް ނުވަދެވި އުޅެނިކޮށް އިވުނީ އަނެއްކައިވެސް މަންމަގެ ވޭނީ ކެކުޅުމުގެ އަޑެވެ. އަހަރެންނާ މާމަޔާ ދެމީހުންނަށް ދުއްވައިގަނެވުނެވެ. މާމަ މަންމަ ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް ދާންއުޅުނެވެ. އެވަގުތު ކާރެއްވެސް ހޯދާނީ ކިހިނެއްހެއްޔެވެ. ފޯނެއްވެސް އޮތްނަމައޭ އަހަރެން ހިތަށް އެރިއެވެ. މަންމަޔަށް ބަޑުގައިރިހޭވަރުން ކޮޅަށްވެސްނުހުރެވެއެވެ. އެކަމަކުވެސް ހިތްވަރުކޮށްފައި ހޮސްޕިޓަލަށްދާން ހިގައިގަތެވެ. މަންމަގެ އެހިތްވަރަށް އަހަރެންހަމަ ސާބަސްދެމެވެ. އަހަރެންކައިރީ ގޭގައި މަޑުކުރުމަށް ބުނެފައި މާމަ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާންނުކުތެވެ.

 ތަންތަނުގައި މަޑުކުރަމުން މާމަގެ އެހީއާއިއެކު މަންމަމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު މެންދަމުން އަލިވެ 3 ޖަހަނީއެވެ. މަންމަ ބަޑުގައި ރިހޭލެއް ގަދަކަމުން ވަގުތުން ޑޮކްޓަރވެސް ހޮސްޕިޓަލަށް ގެނުވިއެވެ. ޑޮކްޓަރ މަންމަ ބެލުމަށްފަހު އެންގީ ނުވިހޭނެކަމަށެވެ. ބޭބީ އިނީ އެކޮޅުކޮޅުން ކަމަށާއި ވަގުތުން އޮޕަރޭޝަންކުރުމަށް ނިންމިއެވެ. އަދި ވީހާ އަވަހަކަށް ލޭ ހޯދުމަށްވެސް އެންގިއެވެ. މަންމަ ގައިގާ ހުރީ "ބީ ނެގެޓިވް" ލެއެވެ.

  ގޭގެ އެންމެންހެން ހޮސްޕިޓަލަށް ދިޔައެވެ. އެމީހުންނާއިއެކު އަހަރެންވެސް ދިޔައީމެވެ. ލޭ ހޯދުމަށް އެންމެން ތެޅިގަތެވެ. އެކަމަކު ހެދުނު 10 ޖެހިއިރުވެސް ލެޔެއްނުލިބުނެވެ. މާމަމެންގެ ލޭ ހޯދުމުގެ މަސައްކަތައް ކުޑަވެސްހުއްޓުމެއްނާދެއެވެ. އޮފީހަށް ގޮސް ރަށުގެ ރައްޔިތުންނަށް ލޭފޮދަކަށްއެދި ގޮވަންފެށިއެވެ. ރަށުގެ ރައްޔިތުން ނުކުމެ ލޭހޯދަންކުރި މަސައްކަތް ވީ ނާކާމިޔާބެވެ. މަންމަގެ ހާލަތު ދަށައްދާންފެށުމުން ޑޮކްޓަރ ނިންމީ ލޭނުލިބުނަސް އޮޕްރޭޝަންކުރުމަށެވެ. އެހެންއެއްވެސްގޮތެއް ނެތުމުންނެވެ. ޑޮކްޓަރުންނާއި ނަރުހުން މަންމަގެ ހިދުމަތުގައި އޮޕްރޭޝަންތިޔޭޓަރ ތެރޭ ވީއިރު ރަށުގެ ރައްޔިތުން ލޭހޯދުމުގެ މަސައްކަތް ކުރަމުންދަނީއެވެ.

 މަންމަ އޮޕްރޭޝަން ކުރެވިއްޖެއެވެ. މަންމަ ބަނޑުންނެގީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ނަމަވެސް އޭރު އެކުއްޖާވަނީ މިދުނިޔެ ދޫކޮށްފައެވެ. އަހަރެންނަށް ރޮވުނެވެ. ނުވަމާހާއި ނުވަދުވަސްވަންދެން މަންމަގެ ބަނޑުގައި އޮތުމަށްފަހު އެމައުސޫމް ކުއްޖާ މިދުނިޔެއާއި އަލްވަދާއުއެކީ އެކުއްޖާގެ ކޮންކުށެއް އޮވެގެންބާވައެވެ. މާލޭގައިހުރި އަހަރެންގެ ބައްޕައަށް ގުޅަންއުޅެއުޅެ އެކަންވެސްވީ ނާކާމިޔާބެވެ. ބައްޕަޔާ އެކު އޮފީހުގައި އުލޭ ބައްޕަގެ އެކުވެރިޔަކަށްގުޅުމުން އިގުނީ ބައްޕަ ރޭފަތިހު ޗުއްޓީއަށް ރަށަށް އަންނަންފުރިކަމަށެވެ.

 މީހުން ބަނޑުހައި ހޫނުކަން ފިލުވަން ކާނެއެއްޗަކަށް ސަލާންޖަހާ އަޑުއަހަމެވެ. އެކަމަކު މިއަދު އަހަރެންނަށް މިޖެހުނީ ލޭފޮދަކަށްއެދި ސަލާން ޖަހަންދުވާށެވެ. އަހަރެންހިތްވަރު އެލުނީ ކައިރި ރަށަކުންވެސް މަންމަގެ ގައިގަ ހުންނަލޭ ނުލިބުމުންނެވެ. މާތްރަސްކަލާނގެ އަހަރެންނާ މިކުރިމަތިކުރީ ކޮންފަދަ ހިތާމަވެރި ހިތްދަތި ދުވަހެއްހެއްޔެވެ. ހޮސްޕިޓަލުގަ އުޅުމަށްފަހު އަހަރެންގެއަށްއައީ ކޮއްކޮމެންނަށް ކާއެއްޗެއް ދިނުމަށެވެ

  އަހަރެންހުރީ އަހަރެންގެ 3 އަހަރަށްދާ ކޮއްކޮޔަށް ކާންދޭށެވެ. އެވަގުތު މީހަކު އައިސް އެދިން ހިތާމަވެރިހަބަރުން އަހަރެންގެ އަތުގައި ހުރިރޮށިތަށި ވެއްޓުނެވެ. މޫނުމައްޗައް އަނދިރި ވެގެންއަހަރެން އަރިއަޅާލަނިކޮށް ކައިރީގައިހުރީ މީހަކު އަހަރެންހިފެހެއްޓިއެވެ. އަހަރެންގެ ލޯބިވާ މަންމަ މިދުނިޔޭއާއި އަލްވަދާއުކީ ލޭފޮދެއްނުލިބުމުގެ ސަބަބުންނެވެ. މިއީހަމަ މާތްރަސްކަލާނގެ ތަގުދީރުގައި ކުރިންސުރެއްވެސް ނިންމަވާފައިވާގޮތްކަން ޔަގީނެވެ. މަންމަ ނެތި ދިއުމުން ރަށަށް ލިބުނީ ހަމަހިމޭންކަމާއި ހިތްދަތިކަމެވެ. އެންމެންގެ ލޯތައްވަނީ ފެންކަޅިވެފައެވެ.

އެންމެންރޮނީއެވެ. ވާނުވާ ނޭގިފައި އަހަރެންގެ ކުޑަކުޑަ ތިންކޮއްކޮ އަހަރެންކައިރީ ތިއްބެވެ. އަދި މަންމައަށް ވީކިނިއްތޯ އަހަމުންދިޔައެވެ. އަހަރެން ޖަވާބުގައި މަންމަދެން ނާންނާނޭ ބުނީމެވެ. ނޭގިފައި ސުވާލުގެ ނަޒަރަކުން 3 ކުދިން އަހަރެންނަށް ބަލައިލިއެވެ. އެވަގުތު ބައްޕަ ކޮޑުގައި ދަބަސް އަޅުވައިގެން ގެއަށް އައިސް ވަންނަތަން ފެނުނެވެ. ދުވެފައިގޮސް ބައްޕަގެ ގައިގާ އަހަރެން އޮޅުލައިގަތީމެވެ. ވާނުވާ ނޭގިފައި ބައްޕަހުއްޓެވެ. އަދި ގޭދޮށުގައި މީހުން އެހައި ގިނަވެފައިއޮތީ ކީއްވެގެންތޯ އެހިއެވެ. އަދި މަންމަ ކޮބައިތޯ އަހަންނާ ސުވާލުކުރިއެވެ.

"ބައްޕާ މަންމަ،މަންމަ" އަހަރެން ބަޑިފަޅައިގެން ދިޔައެވެ. ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލުމަށފަހު އަހަރެންގޮވައިގެން ގެއަށްވަނެވެ. އެވަގުތު މަންމަ އޮތީ ބޮޑު ހުދުފޮތި ގަޑަކުން ނިވާކޮށްފައެވެ. ބައްޕަ ހިތްވަރުކޮށްފައި ފޮތިގަޑުނަގާ މަންމަގެ މޫނުފެނުމާއިއެކު ބައްޕަ ވެއްޓުނީއެވެ. ގޭމީހުންގެމަސައްކަތުން މަންމަ ހިނެވުމުގެ ހުރިހާ މަސައްކަތެއްނިންމިއެވެ. ބައްޕަ ހޭއެރީ މޫނަށް ފެންޖަހާ އެތައްމަސައްކަތަކުންނެވެ. މަންމަގެ ގަބުރު ވަޅުލުމަށްޓަކައި ސަހަރާއަށް ގެންދިޔަ ވަގުތަކީ އަހަރެންނަށް އެންމެ އަސަރުކުރި ވަގުތެވެ. އަދި މަންމަ ދެންނުފެންނާނެކަން އެގުމުން އަހަރެންނަށް ބާރަށް ރޮއެގަނެވުނެވެ.

 މަންމަ ވަޅުލާ ނިންމުމަށްފަހު ބައްޕަ ގެއަށްއައިސް އަހަރެންމެންގައިގާ ބައްދަބައްދާފައި ވަރަށް ރުޔެވެ. އަހަރެމެންގެ އާއިލާއަށް ކުރިމަތިވި މިހިތްދަތިކަން ދުވަހަކުވެސް އަހަރެމެންގެ ހިތަކުން ނުފޮހެވޭނެއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. މަޑުމަޑުން އެންމެން ހަމަޔަކަށް އެޅެމުންދިޔައެވެ. ބައްޕަވެސް މާލޭގެ ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށް ބަދަލުވިއެވެ. އަހަރެންގެ ހިތުން މަންމަގެ އެހަނދާންތައް އެންމެ ސިކުންތުކޮޅަކަށްވެސް ފިލައިގެންނުދެއެވެ. އަހަރެންނަށް ޖެހުނީ ޅައުމުރުގައި 3 ކުދިންގެ މަންމަޔަކަށްވާށެވެ. ގޭތެރޭގެ ހުރިހާކަމެއްކުރަމުން އަހަރެންގެ މައުސޫމް 3 ކޮއްކޮ ބަލަމުން، ކިޔަވަންދަމުން އަހަރެން ހިތްދަތި ދިރިއުޅުމެއް އުޅެމުންގެންދިޔައީމެވެ.

މިހާދިސާއަށްފަހު އަހަރެންގެ  ކިޔެވުމަށް ބޮޑުބަދަލުތަކެއް އައެވެ. އޭގެ ނަތީޖާއަކަށްވީ ޖީ.ސީ.އީ އޯލެވެލްގައި އަހަރެންއެއްވެސް މާއްދާއަކުން ފާސްނުވުމެވެ. އެކަމާ އަހަރެން ވަރަށް ހިތާމަކުރީމެވެ. އެދުވަހަށްފަހު އަހަރެންގެ އަޒުމަކަށް ވީ އަހަންނަށް ރަގަޅުތައުލީމެއް ނުލިބުނަސް އަހަރެންގެ 3 ކޮއްކޮއިންނަށް ރަގަޅު ތައުލީމެއް ދިނުމެވެ. އަހަރެންގެ މަސައްކަތުން އަހަރެންނާ ޖެހިގެންހުރި ކޮއްކޮ މިއަދު ވަނީ ކިޔަވާ މޮޅުކުއްޖަކަށް ވެފައެވެ.

އަހަރެންނާ ބައްޕަގެ ހިތްވަރާ މަސައްކަތުން މިއަދު އަހަރެމެންގެ ކުޑަކުޑަ އާއިލާވަނި ތަނަވަސްވެފައެވެ. މުސްކުޅިން ބުނާތީ އަޑުއަހަމެވެ." އަޑިގަޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ".  އަހަރެމެންނަކީ މިޔަދު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުދިންކޮޅަކީމެވެ.އެކަމަކު މިއުފަލުގައި އަދިވެސް ކުޑަ އަދިރިކަމެއްވެއެވެ. އެއީ މަންމައެވެ. މަންމަގެ ހަނދާންތަކެވެ. އެލޯބި ލޯބި ފިރުމުންތަކެވެ. އެރީތީ ހިތްގައިމު ހިނިތުވުމެވެ.
=ނިމުނީ=
   
By: Halla 2009
Based on a true story