Tuesday, September 21, 2010

Juz wanna share another story, Its pure fiction



ޑްރީމް ގާރލް..

ބެލްކަނީގައި ހުރި ޕޮޓެއްގައި އިންދާފަ ހުރި މިރުސްގަހަކަށް ބޭސް ޖަހަން އަހަރެން ވަރަށް ޝައުޤުވެރި ކަމާއެކު ހުރީމެވެ.  ގަސް ހެއްދުމަކީ ހޮބީއެއްގެ ގޮތުން އަހަރެން ކޮށްއުޅޭ ކަމެކެވެ.  
" އައިލަވްޔޫ ބޭބީ"، ފުރަގަހުން އައިސް އަހަރެންގެ ގައިގައި ބައްދާލަމުން އަހަރެންގެ  އަންހެނުން މާޔާ ބުނެލިއެވެ. އަހަރެމެންގެ ކައިވެންޏަށް 22 އަހަރު ފުރުން އިރުވެސް މާޔާގެ އެ އާދަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަންނަށް މާޔާ ލިބުނުކަން އެއީ އަހަރެންގެ ނަސީބެވެ.
އެވަގުތު އަހަރެމެންގެ ދޮށީ ދަރިފުޅު ޝަނާ ސްކޫލު ނިންމާފަ އައިސް ގެއަށް ވަނެވެ.  މިއަހަރަކީ ޝަނާ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ އަހަރެވެ.
"ބައްޕަ އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް ކޮށްދެން ވެއްޖެ!"
އަހަރެން ފެނުމާއި އެކު ޝަނާ އަދަބުވެރިކަމާއި އެކު އެދުނެވެ. ކޮންކަމެއް ތޯ ސުވާލުކުރުމުން، ސްކޫލު ގަ އޮންނަ ކުރުވާހަކަ ލިޔުމުގެ މުބާރާތަކަށް ވާހަކައެއް ލިޔެދިނުމަށް އެދުނެވެ. އަހަރެން ހައިރާން ކަމާއި އެކު ޝަނާ އަށް ބަލައިލީމެވެ. އަދި އަހަރެން ވާހަކަ ލިޔާކަމެއް އެނގެނީ ކިހިނެއްތޯ ސުވާލު ކުރީމެވެ. އެވަގުތު ޝަނާ ބަލައިލީ މާޔާ ގެ މޫނަށެވެ.
      ޝަނާގެ އެ އެދުމަށް އަހަރެން އާނއެކޭ ބުނީމެވެ. ނަމަވެސް ވާހަކައެއް ލިޔުމުގެ ބަދަލުގައި  މީގެ 22 އަހަރު ކުރިން އަހަރެން ލިޔުނު ޑައިރީ ފޮތެއް ނެގީމެވެ. އޭގައި އަހަރެން ލިޔެފައިވާ އެތައް ވާހަކަ ތަކެއް ހުރީމައެވެ. ފޮތުގެ އެކި ޞަފްޙާތަކަށް އަހަރެން ނަޒަރެއް ހިންގާލީމެވެ. އަހަރެންގެ ނަޒަރު އަމާޒުވީ އަހަރެން ލިޔުނު އެންމެ ފަހު ވާހަކަ އަށެވެ....
-----------------------
      އެއީ އަހަރެން އޭލެވެލް ގެ އެންމެ ފަހު ސިމެސްޓަރ ގައި ކިޔަވަމުން ދިޔަ ދުވަސް ވަރެވެ. ސްކޫލުގެ އަދަބީ ޖަމިއްޔާގައި  އަހަރެން އިސް މަގާމެއް އަދާކުރީމެވެ. އަހަންނާ އެންމެ ކައިރިން މަސައްކަތްކުރާ ޝަނާ އާއި ދޭތެރޭ ހާއްސަ ނަޒަރަކުން ބެލެންފެށީ މިދުވަސް ވަރުއެވެ. ޝަނާ ފެންނަ ކޮންމެ ފަހަރަކު އޭނަޔާ ދިމާލަށް ބަލަހައްޓައިގެން އިންނަން އަހަރެންގެ ހިތް މަޖުބޫރު ކުރުވައެވެ. ނުހަނު ރީތި ސޫރަ އެކެވެ. ހެދިހެދި ހުރި އިސްކޮޅެކެވެ. ސްކޫލް ޔުނިފޯމް  ގައި ހުންނަ އިރު އަދި ވަކިން ރީތިހެން ހީވެއެވެ. އެ ރީތި އިހި ކަނދުރާގައި ބީހިލުމުގެ ނަސީބު ލިބޭނެ ނަމައޭ ހިތަށް އަރައެވެ.
ބައެއް ފަހަރަށް އަހަންނަށް އޭނަ ފެނުމުން ރަކިވާ ގޮތް ވެއެވެ. އަހަރެން އޭނަ އަށް ބަލާ ކަން އޭނަ އަށް އެނގޭހެން ހީވާތީއެވެ. އެހެންވެ އަހަންނަށް އޭނަޔާ ވާހަކަދައްކަންވެސް ކެރެނީ ވަރަށް މަދު ފަހަރަކުއެވެ.
ނަމަވެސް  ހިތާ ހިތުން އަހަންނަށް އޭނަ ދެކެ ލޯބި ވެވުނެވެ. އެހެން ނަމަވެސް ފާޅުގައި ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ މި ބަލި ހިތަކަށް ނުލިބުނެވެ. އަބަދުވެސް އަހަރެންގެ ދެލޮލުގެ ކުރިމަތީގައި އެ ރީތި ސޫރަ ހުންނަހެން ހީވެއެވެ. ދެލޯމަރާލާ ކޮންމެ ހިނދުކޮޅަކުވެސް އަހަންނަށް އެ މޫނު ފެންނަހެން ހީވެއެވެ.

      މިގޮތުގައި ދުވަސްްތައް ވޭތުވަމުން ދިޔައެވެ. އަހަރެންގެ ކިޔެވުން ވެސް ނިމުނީއެވެ. ޝަނާ އަކީ ހަމައެކަނި އަހަރެންގެ ހުވަފެނީ މަންޒިލެކެވެ. އަހަރެން މިދެކޭ ހުވަފެނުގައި އެއްވެސް ކުލައެއް ނުޖެހެއެވެ.
އެރެއަކީ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތް ރެއެވެ. އަހަރެން އެ ޖަލްސާ އަށް ދިޔައީ އަހަރެންގެ ކޮށްކޮ ގޮވައިގެންނެވެ. އަހަރެމެންގެ ކަނާތްފަރާތު ބަރީ ގައި ހުރި ގޮނޑިއެއްގައި ޝަނާ ވެސް އިނެވެ. އިރު އިރު ކޮޅުން އަހަންނަށް އޭނަގެ މޫނަށް ބަލައިލެވެއެވެ. ބައެއްފަހަރު އޭނަވެސް އަހަންނަށް ބަލާލާފަ ހިނިތުން ވެލައެވެ.
ޖަލްސާ ނިމުމުން އެންމެންވެސް ސްކޫލު ގޯތިތެރެއަށް ނިކުތެވެ. އެތާ އޮތް ރިފްރެސްމެންޓެއް ގައި އަހަރެންވެސް ބައިވެރިވީމެވެ. އިރުކޮޅަކުން ޝަނާ އަހަރެންގެ ކައިރިއަށް އައެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވި އެވެ. އޭނަގެ އަތުގައި އޮތް ކެމެރާއެއް ދިއްކޮށްލުމަށް ފަހު އޭނަ އާއި އަހަރެންގެ ކޮށްކޮގެ ފޮޓޯއެއް ނަގައިދިނުމަށް އެދުނެވެ. އަހަރެން ވެސް ޝަނާ އާއިއެކު ފޮޓޯއެއް ނަގަން ވަރަށް ބޭނުންވިއެވެ. އެހެންނަމަވެސް އަހަންނަކަށް އެކަން ކުރާނެހާ ހިތްވަރެއް ނުލިބުނެވެ.
އަހަރެން އަހަރެންގެ އަމިއްލަނަފްޞަށް މަލާމަތް ކުރީމެވެ. އަހަރެންގެ ތެޅި ތެޅި އޮތް ހިތަށް އެއްވެސް ފަރުވާއެއް ނުދެވޭތީ އެވެ. އަހަރެންގެ މުޅި ޙަޔާތުގައި ލޯބީގެ ނަޒަރަކުން އެންމެ ފުރަތަމަ ބެލެން ފެށުނުނީ ޝަނާގެ އެ ރީތި ސޫރަޔަށެވެ. އެހެންނަމަވެސް އަހަރެންގެ މި ލޯތްބަކީ ހަމައެކަނި އަހަރެން ދެކޭ ހުވަފެނެކެވެ. ދުވަހަކުވެސް ޝަނާގެ ކުރިމަތީގައި އަހަރެންގެ ހިތުގެ އެދުން ހާމަކުރާކަށެއް އަހަންނަކަށް ނުކެރޭނެއެވެ. ސަބަބަކީ އޭނަގެ ދުލުން ނޫނެކޭ ބުނެފިނަމަ އެކަން އަހަންނަށް ހަޖަމު ނުކުރެވޭނެތީ އެވެ.
އެހެންކަމުން އަހަރެން ގަސްތުކުރީ އެ ހިޔާލުތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލާށެވެ. ނަމަވެސް ކޮންމެ ރެއެއްގެ ހުވަފެނުން އަހަންނަށް އޭނަ ފެނެއެވެ.

އަހަރެން ރަށުން ރަނގަޅު ވަޒީފާއެއް ހޯދީމެވެ. އަދި މަޑުމަޑުން ޒިންމާދާރު މީހަކަށް ވެވޭތޯ މަސައްކަތް ކުރީމެވެ.
އާދައިގެ މަތިން އަހަރެން އޮފީހަށް ދާން ގެއިން ނިކުތީމެވެ. ތުއްތު ކުއްޖަކު ގޮވައިގެން މަގުމަތީގައި ކުޅެން ހުރި އަންހެން ކުއްޖަކު ފެނިފައި އަހަންނަށް ހުއްޓެވުނެވެ. އިސްކޮޅުން ދިގު ރީތި ކުއްޖެކެވެ. މީގެ ކުރިން އަހަރެން އޭނަ ނުދެކެމެ. ނުވަތަ ފާހަނގަ ކުރެވިފަކަ ނެތެވެ. އަހަރެން ފެނުމުން އޭނަ ލަދުރަކި ގޮތަކަށް ހިނިތުން ވެލިއެވެ.
އަހަރެން ވެސް ހީލީމެވެ. އެއަށް ފަހު އޮފީހަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. ދެންެއަހަންނަށް ފެނުނީ އަހަރެންގެ ހިތަށް ކުދިކުދި ކަށިތަކެއް ހެރިގެން ދިޔަ ފަދަ މަންޒަރެކެވެ. އަހަރެންގެ ކުރިމަތިން ވިއްސަކަށް ފޫޓު ދުރުން ޝަނާ ކޮންމެވެސް ފިރިހެން ކުއްޖަކާ އެކީ އަންނަ މަންޒަރެވެ. ދެމީހުން ހިނގާފަ އައީ ވަރަށް ގައިގޯޅި ގޮތަކަށެވެ. އެކަކުއަނެކަކަށް ބަލަމުން ހީ ސަމާސާ ކުރަމުންނެވެ. ޝަނާ އަހަންނާ އަރާހަމަވުމުން ވެސް އަހަރެން ފެނުނު ކަމަށްވެސް ނަހަދައެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އަހަރެން ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައީ ކަމުގައި ގަބޫލުކުރެވުނެވެ. އަހަރެން ކިތަންމެ ދެރަވި ނަމަވެސް އަހަރެންގެ މޫނުމަތިން އެކަން ފާޅުނުކޮށްވޭތޯ އަހަރެން ބެލީމެވެ.
      އޭގެ އަނެއް ދުވަހެވެ. ހިތްމަރުވެފައިވާ ބަލިމީހެއް ފަދައިން މަޑު މަޑު ހިނގުމެއްގައި އޮފީހަށް ދާން އަހަރެން ގެއިން ނިކުތީމެވެ. މިއަދުވެސް އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކުރިންދުވަހު ފެނުނު ކުއްޖާ އަށެވެ. ހަމަ އޭނަ އެވެ. ހަމަ އެ ކުޑަކުއްޖާ ގޮވައިގެން މަގުމަތީގައި ކުޅެން ހުރީއެވެ. ކުރިން ދުވަހެކޭ އެއްގޮތަށް މިއަދުވެސް އޭނަ އަހަރެން ފެނިފަ ލަދުރަކި ގޮތަކަށް ހިނިތުން ވެލިއެވެ. ނަމަވެސް އަހަރެންގެ ގައިގައި ރައްދުގައި ހިނިތުން ވެލާނެހާ ހިތްވަރެއްވެސް ނެތެވެ. އަހަރެން ދިޔަ ގޮތަށް ގޮސް ދިޔައީ އަހަރެން ވަޒީފާ އަދާކުރާ އޮފީހަށެވެ.
އަހަރެން އޮފީހުގައި އިންދަ ކޮންމެވެސް ނުދަންނަ ނަންބަރަކުން ފޯނެއް އައެވެ. އަހަރެން ފޯނު ނަގައި "ހަލޯ" އޭ ބުނެލީމެވެ. ރައްދުގައި ވާހަކަ ދެއްކީ ކޮންމެވެސް އަންހެންކުއްޖެކެވެ.
އަހަރެން ކޮން ކުއްޖެއްތޯ ސުވާލުކުރީމެވެ.
" އަހަންނަށް ކިޔަނީ މާޔާ، މިއަދު ހާދަ ދެރަވެފަ ހުރި ދުވަހެއް ހެން ހީވޭ! އަނެއްކާ.."
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ ވާހަކައިން އަހަންނަށް އެއީ ކޮން ކުއްޖެއްކަން އެނގުނެވެ.
"އަނެއްކާ އަހަރެން މިގޮތަށް ގުޅައިގެން ވާހަކަ ދެއްކުން މީ އަހަން ނަށް ކުރެވޭ ކުށެއްތަ؟"
އަހަރެން އެއްޗެކޭ ނުބުނުމުން ވަރަށް އިހުތިރާމާއި އެކު މާޔާ ސުވާލު ކުރިއެވެ. ޖަވާބުގައި އަހަރެން ނޫނެކޭ ބުނީމެވެ. އަދި އަހަރެންގެ ފޯނު ނަންބަރު ހޯދީ ކިހިނެއްތޯ ސުވާލުކުރީމެވެ. މާޔާ ބުނި ގޮތުގަ އަހަރެންގެ ނަންބަރު ލިބުނީ އޭނަގެ، އަދި އަހަރެންގެ ވެސް ގާތް ރަހުމަތްތެރިއެއްގެ ފަރާތުން ކަމަށެވެ.
      އެދުވަހަށްފަހު އަހަރެމެން ދެމީހުން ކޮންމެ ދުވަހަކުވެސް ފޯނުން ވާހަކަ ދައްކަމެވެ. އެކަކު އަނެކެއްގެ ވާހަކަތައް ހިތްސާ ކުރަމުން ދުވަހަކަށް ވުރެ ދުވަހެއް އަހަރެމެންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އަދި އަހަރެމެންގެ މި ގުޅުން އެންމެފަހުން ލޯތްބަށް ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ހިތުގައި މާޔާ އަށް ވަރަށް ހާއްސަ މަގާމެއް ދެވުނެވެ. ދެމީހުންގެ މި ލޯބީގެ ގުޅުން އެންމެފަހުން މުޅި ރަށަށް ވެސް އާންމުވެގެން ހިނގައްޖެއެވެ.
      އެއްދުވަހެއްގެ ހަވީރެވެ. އޮފީސް ނިންމާލާފަ ގެއަށް އައިސް އަހަރެން އުޅުނީ މިރުސްގަސްތަކަށް ފެންދޭށެވެ. އެވަގުތު ކޮންމެވެސް އަންހެން ކުއްޖަކު އައިސް ސަލާމް ގޮވާލިއެވެ. އަހަރެން ސަލާމް ބަލައި ގަތީމެވެ. ދެން އެކުއްޖަކު އައިސް އަހަރެންގެ އަތަށް ކުޑަ ފޮތެއް ދިއްކޮށްލުމަށް ފަހު އެއްވެސް އެއްޗެއް ނުބުނެ އެނބުރި ދިޔައީއެވެ.
އަހަރެން ވަރަށް ހައިރާންވެ ހުރެ އެ ފޮތް ހުޅުވާލީމެވެ. ފޮތުގެ ފުރަތަމަ ޞަފްހާގައި ވަރަށް ފަނޑު ފަނޑު އަކުރަކުން ލިޔެފަ އޮތީ،
" އަހަރެން ހުޝާމް ދެކެ ވަރަށް ލޯބިވޭ"
އަހަރެން ހިނިތުން ވެލީމެވެ. މިއީ މާޔާގެ ކަމެއް ކަން އަހަންނަށް އެނގޭތީ އެވެ.
"އަހަރެން ހުޝާމް ދެކެ ވަރަށް ލޯބި ވޭ. އަދި ހުޝާމު ވެސް އަހަރެންދެކެ ލޯބި ވާކަން އަހަން ނަށް އެނގޭ!"
އަހަންނަށް މިކަން ވަރަށް މަޖާ ކަމަކަށް ވިއެވެ. އެއަށް ފަހު ޖެހިގެން އިން ގަނޑު އެއްލީމެވެ.
" އަހަރެން މިއޮއްހާ ދުވަހު މި އިންތިޒާރު ކުރީ ހުޝާމުގެ ދުލުން މި ފޮނި ފޮނި ބަސްތައް އިވޭނެ ދުވަހަކަށެވެ. ނަމަވެސް..."
އަހަރެން ކުޑަކޮށް ހާސްވާ ގޮތްވިއެވެ. ދެއަތް ތުރުތުރުއަޅާ ހާލު ޖެހިގެން އިން ގަނޑު އެއްލީމެވެ.
"...ނަމަވެސް މިއަދު ހުޝާމް ތި ވަނީ އެހެން މީހެއްދެކެ ލޯބި ވެފައެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން އަބަދުވެސް ހީކޮށްގެން ހުރީ، ޝަނާ ނޫން މީހަކަށް ހުޝާމު ލޯބި ހުށަނާޅާނެ ކަމަށެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. އަހަރެންގެ ހުރިހާ ހުވަފެންތައް ފުނޑު ފުނޑުވެގެން ދިޔައީ އެވެ.... ޝަނާގެ ފުށުން އެއްވެސް ކުށެއް ފެނިފައި ވާނަމަ ޝަނާ އަށް މާފުކޮށްދޭނެ ކަމަށް ހީކުރަމެވެ.
އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަހަންނަށް މިވީ ކީއް ހެއްޔެވެ؟ އަހަންނަށް ރޯންފެށުނެވެ. މުޅިމީހާ ތުރުތުރު އަޅަން ފެށިއެވެ.
އިރުކޮޅަކުން އަހަރެންގެ ފޯނު ރިންގު ވާން ފެށިއެވެ. ކޮންމެވެސް ނުދަންނަ ނަންބަރެކެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެވެ. ރޮވިފަ ހުރި ކަހަލަ ގޮތަކަށް ކޮންމެވެސް އަންހެނަކު ވާހަކަ ދެއްކިއެވެ.
" ދަތިކަމަކަށް ނުވަންޏަ ވަރަށް އަވަހަށް ހޮސްޕިޓަލަށް އައިސްދީފާނަން ތަ؟"
އަހަރެން އާނއެކޭ ބުނުމުން އެ އަންހެންމީހާ ފޯނު ބޭއްވިއެވެ. އަހަންނަށް ވީގޮތް ބުނެދޭންވެސް ނޭނގުނެވެ. ހަތަރުއުދަރެސް ފެނުޖެހުނު ކަހަލައެވެ. އަވަސް އަވަހަށް އަހަރެން ދުއްވައި ގަތީމެވެ.
ހޮސްޕިޓަލާ ހަމައަށް ދެވުނު އިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. އެވަގުތު އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ ޝަނާ އާއި އެކީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ފެނުނު ފިރިހެން ކުއްޖާއެވެ.  އަހަރެން ފެނުމާއި އެކު އޭނަ އަވަސް އަވަހަށް އަހަރެންގެ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކަށް ގެންދިޔައެވެ. އަދި އޭނަގެ ކޮށްކޮ ސަލާމަތް ކޮށްދޭށޭ ބުނެ އަހަރެން އެމެޖެންސީ ވާރޑް ތެރެއަށް ވެއްދި އެވެ. އެވަގުތު އަހަންނަށް ޝަނާ އޮކްސިޖަން ގުޅާފަ އޮއްވަ ފެނުނެވެ. އަހަންނަށް ޝަނާ އެއޮތް ހާލު ފެނިފައި ރޯންފެށުނެވެ. ބަލި އަޑަކުން "ހުޝާމް، ހުޝާމް" ކިޔާފަ އޭނަ އެގޮވަނީ އަހަންނަށެވެ. އަހަރެން ފެނުމާއި އެކު ޝަނާ ހިނިތުން ވެލިއެވެ. އެއަށް ފަހު ބާރު ބާރަށް ނޭވާލާން ފެއްޓިއެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި މިދުނިޔެއާ އަބަދުގެެ އަބަދަށް އަލްވަދާއު ކިއެވެ. އަހަންނަށް ވީގޮތް ބުނެދެން ވެސް ނޭނގުނެވެ. ހިފެހެއްޓުމެއް ނެތި ދެލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ..
--------------------------
" އައިލަވްޔޫ ބޭބީ"، ފުރަގަހުން އައިސް އަހަރެންގެ ގައިގައި ބައްދާލަމުން އަހަރެންގެ  އަންހެނުން މާޔާ ބުނެލިއެވެ. އެވަގުތު މާޔާ އަށް އަހަރެންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފެނުނެވެ. މާޔާ ވަރަށް ހާސްވެފަ ހުރެ ވީ ކިހިނެއްތޯ އެހިއެވެ. އެވަގުތު އަހަރެމެންގެ ދަރިފުޅު ޝަނާ ވެސް އެތަނަށް އައެވެ.
އަހަރެންގެ އަތުގައިއޮތް ޑައިރީ ފޮތް މާޔާ އަތަށް ދިއްކޮށްލީމެވެ. އެއަށް ފަހު އަަހަރެމެންގެ ދަރިފުޅު ޝަނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
=ނިމުނީ=

By, abhal 01-09-09

  




Tuesday, September 7, 2010

A True Love Story

                                            

ލޯބިވީމެވެ، ނަމަވެސް...
(ނޯޓް: މިއީ ހަގީގީ ވާހަކަ އެކެވެ. ނަމަވެސް ވާހަކައިގައި ބޭނުންކުރެވިފައި އެވަނީ ހިޔާލީ ނަންތަކެކެވެ.)

އަހަންނަށް އެންމެފުރަތަމަ ހުމެއިދު ފެނުނުދުވަހުން ފެށިގެން އޭނަދެކެ ލޯބިވެވުނެވެ. ބޭއިޙުތިޔާރުގައެއްނޫނެވެ. ހުމެއިދުއަކީ ކާކުކަން އެނގިހުރެ ފުރިހަމަ އިޙުތިޔާރުގައެވެ. ލޯބިވެވުނީ އޭގެ އިންތިހާޔަށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަރެން އެންމެފުރަތަމަ ރައްޓެހިވި ކުއްޖާ އެއްވެސް ސަބަބެއްނެތި އަހަރެން ދޫކޮށްފަ ދިޔުމުން ލިބުނު ހިތާމަތައް ހަނދާން ނައްތާލާ މުޅިން އައު ހަޔާތެއް ފަށަން ބޭނުންވާތީއެވެ. އަހަރެންގެ ޒުވާންއުމުރު ހުސްހަށިބަޔަށް ހުރެ ބޭކާރުކޮށްލަން ބޭނުންނުވާތީއެވެ.
މިއީ އަހަރެންގެ ޑިގްރީ ކޯހުގެ އެންމެ ފަހު އަހަރެވެ. ފާއިތުވި ދެއަހަރެއްހާ ދުވަސް މެލޭސިޔާގައި އަހަރެން މި ހޭދަކުރީ ވަރަށް އެކަނިވެރި، އެހާމެ ހިތްދަތި ދުވަސް ތަކެކެވެ. އަހަންނަށް ހުމެއިދު ފެނުނީ ރައްޓެއްސަކާއި އެކު އެގެއަށް ދިއުމުންނެވެ. އިއްތިފާޤުން ހުމެއިދުގެ އާއިލާ އަކީ އަހަރެންގެ އާއިލާ އާއި ކޮންމެވެސް ވަރަކަށް ތިމާގެ ބައެކެވެ. އެހެން ކަމުން އަހަންނަށް ހުމެއިދު އަކީ ކޮންކަހަލަ ކުއްޖެއްކަން ދަސްކުރުމަކީ ނުހަނު ފަސޭހަކަމަކަށް ވިއެވެ.
އަހަރެންގެ ހިތުގައި ހުމެއިދުގެ ލޯބި ރަސްކަން ކުރަން ފެށިއެވެ. އަހަރެން އަޒުމް ކަނޑައެޅީ މަޑުމަޑުން ހުމެއިދުގެ ލޯބި ކާމިޔާބުކޮށް އަހަރެންގެ މިލްކަކަށް އޭނަ ހެދުމެވެ. މިގޮތުން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހުމޭދުއާއި ގުޅުން ބަދަހިކުރީމެވެ. އެކުވެރިއެއްގެ ގޮތުގައެވެ. އަހަރެންގެ ހިތުގައި ހުމެއިދުއަށް ޙާއްސަ މަގާމެއް ދެވިފައިވާކަން މަޑުމަޑުން ހުމެއިދުއަށް އަންގަދިނީމެވެ. ފާޅުގައި ލޯބިވާކަން ދުލުން ހާމަނުކުރިނަމަވެސް، ދެމީންނަށް ވެސް އެކަކު އަނެކަކުދެކެ ލޯބިވެވި އަހަރެންގެ ހިތުގެ އެދުންތަކަށް ފިނިކަން ލިބެމުން ދިޔައެވެ.
ކޮންމެ ދުވަހަކުވެސް އަހަރެން ހުމެއިދުއަށް އެތައް މެސެޖެއް ފޮނުވަމެވެ. އޭނަގެ ހާލުބަލައި އަހަރެންގެ އިހުސާސް ތައް ހިއްސާ ކުރަމެެވެ. ހުމެއިދު އުޅެނީ އަހަރެން އުޅޭ ސިޓީ އާއި ވަރަށް ދުރު ހިސާބެއްގަ ކަމުން ދެމީހުންނަށް ބައްދަލުވެވެނީ ވަރަށް މަދުންނެވެ. އެހެން ކަމުން ފޯނުގެ އެހީގައި ދެމީން ވެސް އެކަކު އަނެކެއްގެ އިހުސާސް ތައް ހިއްސާ ކުރަމުން ގެންދިޔައީމެވެ. އަދި ވީވަރަކުން އޭނައާއި ބައްދަލުކުރަމުން ގެންދިޔައީމެވެ. ހުމެއިދު ކޮލެޖް ނިންމާފަ ގެއަށްދާ މަގުމަތިން ބައެއް ފަހަރު ބައްދަލުވެއެވެ.  
ސިމެސްޓަރ ބްރޭކް ލިބުމުން ހުމެއިދުއާއި އެކު ގިނަވަގުތު ހޭދަކުރުމުގެ ފުރުސަތު އަހަންނަށް ފަހިވިއެވެ. ރައްޓެހި ކުދިންކޮޅަކާއި އެކު ހިތްފަސޭހަ މަންޒިލަކަށް ހިތްއުފާކޮށްލުމަށް ދަތުރެއް ރޭވީމެވެ. ނަސީބު ރަނގަޅުކަމުން ހުމެއިދުވެސް ދާން އެއްބަސް ވިއެވެ. 'ކެމަރުން ހައިލެންޑ'ް ގައި އަހަރެމެން ހޭދަކުރި އެއްރެޔާ އެއްދުވަސް އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުތަކެވެ. ތަފާތު ގިނަވައްތަރުގެ މާ ތަކާ ގަސްތަކުން ޒީނަތް ކުރެވިފައިވާ މި ހިތްފަސޭހަ މާހައުލުގައި ވަގުތުތައް ހޭދަވެގެން ދިޔައީ ކިހިނެއް ކަންވެސް އަހަންނަށް ނޭނގުނެވެ.
އަހަރެމެންގެ ލޯބީގެ ފެށުން ފާހަނގަ ކުރާނެ ތާރީހެއް އަހަންނަކަށް ފާހަނގަ ކުރެވިފައެއް ނެތެވެ. އެ ސުވާލު ހުމެއިދުއާއި ކުރުމުން ސަމާސާ ގޮތަކަށް އަހަރެމެން މިއުޅެނީ ލޯބި ވެގެންހޭ ސުވާލުކޮށްލިއެވެ. އާއެކެވެ. އަހަރެމެން މިވަނީ ހަގީގީ ލޯތްބެވެ. ނަމަވެސް ހުމެއިދު އަދިވެސް ރަސްމީސިފައެއްގައި އަހަންނަށް ލޯބި ހުށަނާޅައެވެ. އެއީ އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އަހަރެން ބޭނުންވަނީ ހުމެއިދު ވަރަށް ރޮމެންޓިކް ގޮތަކަށް އަހަންނަށް ޕްރޮޕޯސް ކުރާށެވެ. އަހަރެން ވަނީ ކެއްމަދުވެފައެވެ. ހުމެއިދުގެ ބެސްޓް ފްރެންޑް ކައިރީ ހުމެއިދު އަހަންނަށް ޕްރޮޕޯސް ކުރާނެ ދުވަހެއް ނުވަތަ އެފަދަ އެއްވެސް ވާހަކައެއް އޭނަގެ ފަރާތުން އެނގިފައިވޭތޯ ސުވާލުކުރީމެވެ. އަހަންނަށް ލިބުނީ ވަރަށް އުފާވެރި ޖަވާބެކެވެ. ކޮންމެވެސް ހާއްސަ ދުވަހަކާ ދިމާކޮށް ހުމެއިދު އަހަންނަށް ޕްރޮޕޯސް ކުރާނެ ކަމުގެ އިޝާރާތެއް އަހަރެންނަށް ލިބުނެވެ.
އުފާވެރި ދުވަހަކަށް ފަހު އުފާވެރި ދުވަހެއް ތަކުރާރު ވަމުންދިޔައެވެ. ހުމެއިދު އޭނަގެ މަންމަ ކައިރީ އަހަރެމެން ދެމީހުން ގުޅުނު ވާހަކަ ރަސްމީކޮށް ބުންޏެވެ. އަދި އޭނަގެ މަންމަ އާއި ބައްޕަގެ ރުހުން އަހަރެމެންގެ މި ގުޅުމަށް އޮތްކަން އެނގުމުން އަހަންނަށް އުފަލުން ރޮވުނެވެ.
އަހަރެން ހުމޭދުއާއި އެކު ނަގާފަ ހުރި ފޮޓޯތައް "ފޭސްބުކް" ގައި އަޕްލޯޑް ކުރީމެވެ. މުޅި ދުނިޔެއަށް އަހަރެމެންގެ ގުޅުން އިޢުލާން ކުރީމެވެ. އަހަރެން މިއަދު މިހުރީ ވަރަށް އުފާވެފައެވެ. އަބަދުވެސް ހުރެވެނީ ހުމެއިދުގެ ހިޔާލީ ދުނިޔޭގައެވެ. އަހަރެމެންގެ ހަޔާތުގެ ތަސްވީރުތަށް ހިޔާލީ ފޮތެއްގައި ކުރަހަމުން ގެންދިޔައީމެވެ. ދިރިއުޅުން ބަދަހިކުރާނެ ގޮތާއި ހޯދާނެ ކުދިންގެ އަދަދާއި އެކުދިންނަށް ކިޔާނެ ނަންތަކަށް ދާންދެއް އެ ފޮތުގައި ލިޔެވެމުން ދިޔައެވެ.
އަހަރެން ބޭނުންވީ އަހަރެންގެ ކިޔެވުން ނިމުނުހާ އަވަހަކަށް ކައިވެނިކުރާށެވެ. އެގޮތުން ހުމެއިދު ކައިރީ ކައިވެނީގެ ވާހަކަ ތަންކޮޅެއް ގިނައިން ދެއްކެން ފެށުނެވެ. ނަމަވެސް އެއީ ހުމެއިދު އެހާ ޝައުގުވެރިވި މަޢުލޫއަކަށް ނުވިއެވެ.
ދުވަސް ތައް ފާއިތުވަމުން ދިޔައެވެ. މަޑުމަޑުން ހުމެއިދުއަށް ބަދަލު އަންނަކަން ފާހަނގަ ވިއެވެ. އަހަންނާ ވާހަކަ ދެއްކޭލެއް މަދުވިއެވެ. ބިޒީ ކަމަށް ބުނެ ބައްދަލުކުރެވޭލެއް މަދުވާން ފެށިއެވެ. ނަތީޖާއަކަށްވީ އަހަންނަށް ޝަކުވާ ކުރެވެން ފެށުމެވެ. އަހަރެންގެ ޝަކުވާތައް ހުމެއިދުއަށް އިތުރު އުނދަގުލަކަށް ވާކަން ފާހަނގަ ކުރެވުނެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ. އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނައާއި ވަކިން އުޅުމަކީ ކެއްވާވަރުގެ ކަމަކަށް ނުވިއެވެ. ޝަކުވާ ކުރެވެނީ ލޯބިވެވޭލެއް ބޮޑުކަމުންނެވެ. ހުމެއިދު އެކަން ގަބޫލުކުރާނަމަ ހާދަ ރަނގަޅެވެ.
މިއަދުމީ ހުމެއިދު އަހަންނާ ބައްދަލުކުރާނެ ކަމަށް ބުނި ދުވަހެކެވެ. ނަމަވެސް އޭނައެއް ނާދެއެވެ. އެތައްފަހަރު ފޯނު ކުރެވިއްޖެއެވެ. އެތައް މެސެޖެއް ކުރެވިއްޖެއެވެ. ނަމަވެސް އެއްވެސް ރިޕްލައިއެއް ނުލިބުނެވެ. އަހަރެންގެ ކުންހީތައް ޔަގީން ކުރެވެން ފެށިއެވެ. އެއީ ކުރީގެ ހުމެއިދެއް ނޫނެވެ. އޭނަ މުޅިން ބަދަލުވެއްޖެއެވެ. އަހަރެން އިގްނޯ ކުރަން ފަށައިފިކަން މިހާރު ޔަގީންވެއްޖެއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަދި ރުޅިވެސް އައެވެ. ޝަކުވާގެ ފުނިވަރެއް މެސެޖެއްގެ ސިފައިގައި ހުމެއިދުއަށް ފޮނުވުމަށް ފަހު އެނދުގައި އޮށޯތީމެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް އަހަރެންގެ ކޮންޓްރޯލުން ނެއްޓިއެވެ. އަހަންނަށް ރޯން އޮވެވުނީ ކިހާ އިރަކުކަން ވެސް އަހަންނަށް ނޭނގުނެވެ.
އޭގެ އަނެއް ދުވަހެވެ. ކެއްމަދުވެފައިވާ ހިތަކައިގެން އަހަރެން ހުމެއިދުއާއި ބައްދަލުކުރީމެވެ. ހުމެއިދު ހުރީ ވަރަށް ހަމަޖެހިފައެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ ދުލުން ބުނަމުން ގެންދިޔަ ބަސްތައް ފިޔަވައެވެ. އަހަރެންގެ ކޯލްތަކަށް ޖަވާބު ނުދެވުނީ ކްރެޑިޓް ނެތުމުން ކަމަށް ބުންޏެވެ. އަހަރެންނާއި ބައްދަލުކުރަން ނާދެވުނީ ބޭބެ އައިސްގެން އުޅޭތީ ބޭބެ އާއި އެކު ބިޒީ ވުމުން ކަމުގައި ބުންޏެވެ.
އަހަރެން ހުމެއިދުއަށް ވަރަށް އިތުބާރު ކުރަމެވެ. އޭނަބުނާ ކޮންމެ އެއްޗެއް ގަބޫލު ކުރަމެވެ. ނަމަވެސް ދެން އަހަންނަށް އިވެންފެށީ އަހަރެންގެ ހަމަބުއްދި އަށް ގަބޫލުކުރެވޭ ކަހަލަ ވާހަކަތަކެއް ނޫނެވެ.
"އަހަންނަށްހީވަނީ އަޝްރާ އަށް އެންމެ އެކަށީގެންވާ މިހެއް ނޫންހެން އަހަންނަކީ!"  
ހުމެއިދު  ވަރަށް ސީރިއަސްވެ ހުރެ ވާހަކަދެއްކިއެވެ. ނަމަވެސް ހުމެއިދު އެހެން އެބުނީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނުނެވެ. މިއޮއްހުރިހާ ދުވަހު އަހަރެން ދެކެމުން އައީ ހުމެއިދު އެއީ އަހަރެން ގެ ނަސީބު ކަމުގައެވެ. އޭނައާއި އެކު ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ތަކެކެވެ. ހުމެއިދުގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. ދެން އަހަންނަށް އިވުނީ އަހަރެންގެ ހިތް ކުދިކުދި ވި ކަހަލަ ވާހަކައެކެވެ.
"ވަރަށް މަސައްކަތް ކުރެވިއްޖެ، ނަމަވެސް އަހަންނަކަށް އަޝްރާ ދެކެ ލޯތްބެއް ނުވެވުން.. އަހަރެން ހީކުރީ އަހަންނަށް އަޝްރާ ދެކެ ލޯބި ވެވޭނެ ކަމަށް..އެކަމް...."
އަހަރެން ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭގުނނެވެ. މިއޮއްހުރިހާ ދުވަހު އަހަރެން ހީކޮށްގެން ހުރީ އަހަރެމެން މީ ދެލޯބިވެރިން ކަމަށެވެ. މުޅި ދުނިޔެ އަށް އެކަން އަހަރެން އިޢުލާނު ވެސް ކުރީމެވެ. މީ އަހަންނަށް ފެންނަ ހުވަފެނެއް ބާއޭ ހިތައް އެރިއެެވެ. އަހަރެން ރޯން ބޭނުން ވިއެވެ. އަދި ވަރަށް ބާރަށް ހަޅޭލަވައިގަންނަން ބޭނުން ވިއެވެ. ނަމަވެސް އަހަރެންގެ އިޙުސާސް ތައް ހުމެއިދުގެ ކުރިމަތީގައި ކޮންޓްރޯލް ކުރީމެވެ. ހުމެއިދު ދެކެ އަހަރެން އިންތިހާ އަށް ލޯބިވާތީއެވެ.
ހުމެއިދު އަހަންނަށް ވިސްނައިދެމުން ދިޔައީ ހަމަ ހޭގައި ހުރި މީހަކަށް ގަބޫލު ކުރެވޭނެ ޒާތުގެ ވާހަކަ ތަކެއް ނޫނެވެ. އަހަރެންދެކެ ލޯތްބެއް ނުވެވުނޭ ބުނަށް ހުމެއިދު އަށް އެހާ ފަސޭހަ ކަމުގައި ވިޔަސް  އެވާހަކަ ގަބޫލުކުރަން އަހަންނަށް އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް ހުމެއިދުގެ ކުރިމަތީގައި އަހަރެން ހަނުހުރީމެވެ. އަދި އޭނަގެ އެދުމުގެ މަތިން މިއަދުން ފެށިގެން ދެރަޙުމަތްތެރިން ގޮތުގައި ވުމަށް އެއްބަސް ވީމެވެ. އެއީ އަހަންނަށް ފަސޭހަކަމަކަށް ނުވި ނަމަވެސް އަހަރެން މިވާ ލޯބީގެ ހައްގުގައި އެކަމަށް އެއްބަސް ވީމެވެ.
އަހަރެން ހުރީ ގެއަށް އާދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ގެއަށް ވަނުމާެއިއެކު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރިގެން ދިޔައެވެ. މޫނުމައްޗަށް އަނދިރިވިއެވެ. ބޮލުގައި ރިއްސަން ފެށިއެވެ. އަހަރެން އަވަހަށް އެނދުމައްޗަށް ވެއްޓިގަތީމެވެ. އަދި އަހަރެންގެ ހިތް ފުރެންދެން ކަރުނައަޅާ ރުއީމެވެ.
ހުމެއިދު އަހަންނަށް އެހެން ހަދަން ޖެހުނީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް ހުމެއިދުދެކެ ރުޅި އާދެވުނެވެ. ނަމަވެސް އަހަރެން ހިތްތިރިކުރީމެވެ. އަދިވެސް އަހަރެން ހުމެއިދު ބޭނުމެވެ. ރަހުމަތްތެރިއެއްގެ ގޮތުގައި ހުރެގެން ނަމަވެސް އަހަރެން އަދި ހުމެއިދު ޙާސިލްކުރުމަށް އަޒުމް ކަނޑައެޅީމެވެ. އަހަންނަށް ހުމެއިދު ނުލިބުން އެއީ އަހަންނަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އަހަރެންގެ ފުރަތަމަ ލޯބި ގެންލިގެން ދިޔަގޮތަށް އަހަރެންގެ އަތުން ހުމެއިދު ބީވެގެން ދާކަށް އަހަރެން ބެނުމެއް ނޫނެވެ.
ދުވަސް ތައް ފާއިތުވަމުން ދިޔައީ ވަރަށްވެސް ހިތްދަތި ގޮތަކަށެވެ. ކެއުމުންނާއި ނިދުމުން އަހަރެން މުޅިން މަހުރޫމް ވި ކަހަލައެވެ. ކޮންމެ ރެއެއް ވޭތުވަނީ ރުއިމުގައެ. ނިދަން އޮވެ އޮވެ ނުނިދުމުން ތެދުވެ ނަމާދު ކުރަނީއެވެ. އަދި އަހަންނަށް ހުމެއިދުގެ ލޯބި ލިބޭތޯ ތަކުރާރުކޮށް ﷲ ގެ ހަޞުރަތުން ދުޢާ ކުރަނީއެވެ. ދެން އަހަރެންގެ ލެޕްޓޮޕުން ޔާސީން ސޫރަތް ޖަހައިގެން އަޑުއަހަން އިންނަނީ އެވެ. އަހަރެންގެ ހިތައް ކުޑަނަމަވެސް ފިނިކަމެއް ލިބެނީ އޭރުންނެވެ.
ހުމެއިދު އާއި ވާހަކަދެއްކުމުގެ ފުރުސަތު މަދުން ނަމަވެސް އަހަންނަށް ލިބެއެވެ. އަދި ބައެއް ފަހަރަށް އޭނަ އާއި ބައްދަލުވެސް ކުރެވެއެވެ. އަހަރެން ހުމެއިދުގެ ލޯބި ހާސިލް ކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ވެސް ކުރީމެވެ. އެކަމަށްޓަކައި ފުރޮޅެން އޮތް ކޮންމެ ގާކޮޅެއްވެސް ފުރޮޅީމެވެ. "އިންޓަނެޓް" ގެ ޒަރީޔާއިން ތަފާތު ގިނަބައެއްގެ ހިޔާލު ހޯދީމެވެ. އެތައް ބައެއްގެ ފަރާތުން ކައުންސިލިން ހޯދީމެވެ. "ހައުޓު ވިން އަ ބްރޭކަޕް" މިފަދަ އެތައް ރިސާޗް ތަކެއް އަހަރެން ދިރާސާ ކުރީމެވެ.
-
އަހަރެން ދެން އަމަލުކުރީ އަހަރެންނަށް ހޯދުނު ރިސާޗް މައުލޫމާތުގެ އެހީގައެވެ. އެގޮތުން ހިތާ ދެކޮޅަށް ނަމަވެސް އަހަރެން ހުމެދުއާއި ދުރުވާން ފެށީމެވެ. އަހަރެންގެ ހުސްވަގުތު ތައް ހޭދަ  ކުރަނީ އަހަރެންގެ ހިތުގެ އުދާސް ތައް ކަރުދާހުގައި ލިއުމުގައެވެ. އަދި އެހެން މީހުންގެ ކުރިމަތީގައި އަހަރެން ވަރަށް "ނޯމަލް" ކަމަށް ދެއްކިގެން އުޅުނީމެވެ. އަހަރެންގެ މޫނުމަތީގައިވާ މާޔޫސްކަން ވަންހަނާ ކުރެވޭތޯ މަސައްކަތް ކުރީމެވެ. އަދި އަހަރެން ހުމެއިދުގެ ހަނދާން ނުކުރާކަމަށް ހެދިގެން އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމަށް ހެދިގެން އުޅުނީމެވެ. މިހުރިހާ ކަމެއް އަހަރެން މިކުރަނީ ހުމެއިދު އަހަރެންގެ ކައިރިއަށް އެނބުރި އަންނާނެ ކަމުގެ ކުޑަ ކުޑަ އުންމީދެއް އޮވެގެންނެވެ. އަދި ހުމެއިދުގެ އެގްޒާމް ދުވަސް ވަރު ކަމުން އަހަރެންގެ ފަރާތުން ކުޑަނަމަވެސް އުނދަގުލެއް އޭނައަށް އިހުސާސް ވިޔަ ނުދިނުމަށެވެ.
ކަންމިހެން ހުރިނަމަވެސް އަހަރެންގެ ހިތުގައި އަދިވެސް ވަނީ ހުމެއިދުއެވެ. އެ ހަނދާންތަކެވެ. ދާދި އަވަހަށް ހުމެއިދު އަހަރެންގެ ހަޔާތަށް އެނބުރި އަންނާނެ ކަމުގެ އުންމީދު ތަކެވެ. އަހަރެން މިވާލޯބި އޭނައަށް ވިސްނިގެން، އަދި އޭނަވެސް އަހަރެން ދެކެ ލޯބިވާކަން އޭނައަށް ޔަގީންވެގެން އަންނާނެ ކަމުގެ އުންމީދު ތަކެވެ.
އަހަންނަށް ލިބުނު ރިސާޗް މައުލޫމާތުގެ އެހީގައި ހުމެއިދުގެ ލޯބި އަލުން ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރީމެވެ. އެންމެ ފަހު ކަމަކަށް އަހަރެންގެ އަތުން ސިޓީއެއްގެ ސިފައިގައި އަހަރެން ގެ ހިތުގެ ވިންދުތައް ލިޔެފަ ހުމެއިދުއަށް ފޮނުވަން ގަސްތު ކުރީމެވެ.
ދުވަހަކީ އޮކްޓޯބަރު މަހުގެ އޮނަތިރީސް ވަނަ ދުވަހެވެ. އަހަރެން ބޭނުންވީ އަހަރެން ގެ ހިތުގެ އެދުންތައް ގަލަމުގެ ދެލީގެ އެހީގައި ކަރުދާހަށް އެއްފަހަރާ އޮއްސާލާށެވެ. އަހަރެން އުންމީދު ކުރަނީ މި ސިޓީ ކިއުމަށް ފަހު ހުމެއިދު އަހަރެންގެ ހަޔާތަށް އެނބުރި އައުމެވެ.
"އަހަރެން މި ސިޓީ މިލިޔަނީ، ހުމެއިދުވެސް ބުނިފަދައިން މިދުވަސް ވަރަކީ އެގްޒާމް ދުވަސްވަރު ކަމަށް ވެފައި، ހުމެއިދުއަށް ފޯނުކޮށްގެން ނުވަތަ މެސެޖް ކޮށްގެން އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ. އަހަރެން މި އުންމީދު ކުރަނީ އަހަރެންގެ ހިތުގެ މި ޝުއޫރުތައް މި ގޮތަށް ލިއުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށެވެ. ލޯބި ތިބުނަނީ ލޯބި އަހަންނާ ދުރުވީ އަހަންނަށް ރަނގަޅަކަށް ކަމަށެވެ. ނަމަވެސް ތީ ކުށް ހީއެކެވެ. އަހަރެން ދެކެނީ އަހަރެންގެ ހުރިހާވެސް އުފަލަކީ ލޯބި ކަމަށެވެ. ވީއިރު ލޯބި އަހަންނާ ވަކިވެއްޖެނަމަ ދެން އޮތީ ކޮން އުފަލެއް ހެއްޔެވެ.
ލޯބި އާއި ނުލާ އެންމެ ދުވަހެއްވެސް އަހަންނަށް ކެއްނުކުރެވޭނެ ކަމަށް އަހަރެން ނުބުނަން ހެއްޔެވެ. އަހަރެންގެ ހިތް މިއޮއް މަރުވަނީއެވެ. ލޯތްބާއި  ވަކިން ހޭދަކުރަމުން މިދާ އެންމެ މިނެޓެއްވެސް އެއްދުވަހާ އެއްވަރެވެ. އަހަންނަކަށް މި ހިޔާލު ތަކަކާ ދުރަކަށް ނުދެވުނެވެ. ވަރަށް ހިތްވަރު އެބަ ކުރަމެވެ. ގިނަ ވަގުތު މި ހޭދަކުރަނީ ޤުރުއާން އަޑުއެހުމުގައެވެ. ދީނީ ދަރުސްތައް އަޑުއެހުމުގައެވެ. އަހަރެންގެ ނަފްސަށް ކުޑަނަމަވެސް ދިރުމެއް ލިބެނީ އޭރުންނެވެ. ﷲގެ އިރާދަފުޅުން ކުޑަނަމަވެސް ހިތްވަރެއް ލިބެނީ މިގޮތުންނެވެ. ބޭނުމަކީ ލޯބި އެގްޒާމް ނިމެންދެންވެސް އަހަންނަށް ކެއްކޮށްލެވޭތޯ މަސައްކަތް ކުރުމެވެ.
ލޯބިވާއެވެ. ހަގީގަތަކީ މިއީއެވެ. އަހަންނަށް ލޯބި އާއި ނުލާ ދެން ދިރި ނުހުރެވޭނެއެވެ. އަހަރެންގެ މުސްތަގުބަލު ބިނާވެފައިވަނީ ލޯބިވާ އާއި އެކުގައެވެ. ލޯބި އަހަންނާ ވަކިވެއްޖެ ނަމަ އަހަރެންގެ ދިރިއުޅުން ވެސް އަހަންނާ ވަކިވީއެވެ. އަހަރެންގެ ވަށައިގެން ވާ ކޮންމެ އެއްޗެއްވެސް ހަނދާންކޮށްދެނީ ތި ސޫރައެވެ. ކުރިން ދުވަހު ވާރޭ ވެހެމުން ދިޔައިރު އެ މަންޒަރު ބަލަން އަހަންނަށް އުނދަގޫވިއެވެ. އަހަންނަށް ހީވަނީ އަބަދުވެސް ލޯބި އެ ވާރޭގެ ތެރެއިން ލާފަ އަހަރެންގެ ކައިރިއަށް އަންނަހެންނެވެ. ނަމަވެސް އެއީ ހިޔާލެއް ކަން އެނގުމުން އަހަރެންގެ ހިތް ކުދި ކުދިވެގެން ދާ ކަހަލައެވެ. ޔޯގާ ކުލާހަށް ދާން ހިތަށް އެރިޔަސް ހަނދާންވަނީ ހަމަ ތިޔަ ސޫރައެވެ. ޕޫލް އަށް ދާން ހިތަށް އެރިޔަސް ހަނދާން ވަނީ ހަމަ ތިޔަ ސޫރައެވެ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް އެވާހަކަތައް  ހިއްސާ ކުރަމުން އައީ ހަމަ ލޯބި އާއެވެ. އަހަރެން ކުރާ ކަންތަކަށް ފާޑު ކިޔަމުން ގެންދިޔައީވެސް ހަމަ ލޯބި ނޫން ހެއްޔެވެ. އެކަން ވަނީ އަހަރެން ގަޔާވާ ކަމަކަށެވެ. އެހެން ނަމަވެސް އަހަރެން ޔޯގާ ކުލާހަކަށް ނުދަމެވެ. ލޯބި މަތިން މާބޮޑަށް ހަނދާން ވާތީވެ، ދާނެހާ ހިތްވަރު މި ބަލިހިތަށް ނުލިބުނީއެވެ. އަހަރެން މި ޝަކުވާ ކުރަނީ އަހަރެން އަމިއްލަ ނަފްސަށެވެ. އަހަރެމެން ދިރިއުޅެން ހިޔާލީ ގެއެއް ބިނާ ކުރީމު ނޫންހެއްޔެވެ. މާދުރުގައި ފަރުބަދަ ތަކުގެ ވާދީގެ ތެރޭގައި ކުޑަގެއެއް ބިނާކުރީމު ނޫންހެއްޔެވެ. އެތަނުގެ ވަށައިގެން ވާ ފެހިކުލައިގެ ވިނަގަނޑު މަތީ އަހަރެމެންގެ ލޯބި ލޯބި ދަރިފުޅު ކުޅެން އުޅޭ މަންޒަރު ސިފަކުރީމު ނޫންހެއްޔެވެ. މި ހިޔާލުތައް އައުމުން އަހަރެންގެ  ލަގޮނޑިއަށް ކެތެއް ނުކުރެވެއެވެ.
ލޯބިވާ އަށް އެނގޭ ނޫންހެއްޔެވެ. އަހަރެންގެ ހަޔާތުގެ ބާކީ ދުވަސް ތައް ހޭދަކުރަން ބޭނުން ވަނީ ލޯބިވާޔާ އެކުގައެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ލޯބި އަހަރެން ކައިރީ އޮތުމަށް ބޭނުން ވެއެވެ. އަހަރެން މުސްކުޅިވާން ބޭނުންވަނީ ލޯބީގެ ހިދުމަތުގައެވެ. މީ އަހަރެން މާކުރިން ނިންމާފައިވާ ނިންމުމެކެވެ. ވީއިރު އަހަރެން މި ބަދަލުކުރާނީ ކިހިނެއްހެއްޔެވެ. އަހަރެން ލޯބިވާ އަށް އިންތިޒާރުކުރުން ދުވަހަކުވެސް ހުއްޓައެއް ނުލާނަމެވެ. ކިތަންމެ ދުވަހެއް ވޭތުވެގެން ދިޔަކަމުގައިވިޔަސް ފަރުވާލެއް ނެތެވެ. އަދި ކިތަންމެ ވޭނެއް ތަހައްމަލު ކުރަންޖެހުނު ކަމުގައިވިޔަސް މެއެވެ. ލޯބި އަހަންނަށް ބޭނުންވި ކޮންމެ ހިނދެއްގައި އަހަރެން ލޯބީގެ އިންތިޒާރުގައި ހުންނާނަމެވެ.
ލޯބި ދެން ދުވަހަކުވެސް ލޯބި ތީ އަހަންނާ އެކަށީގެން ވާ މީހެއް ނޫނޭ ނުބުނާށެވެ. ހަގީގަތަކީ ލޯބި ތީ އަހަރެންގެ ހަޔާތަށް އައި އެންމެ ކަމުދާ ބައިވެރިޔާއެވެ. ލޯބި އާއި އެކު ހޭދަކުރެވުނު ވަގުތު ތަކަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތު ތަކެވެ. އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއް ލޯބީގެ ގައިގައި އެބަހުއްޓެވެ. ލޯބި ކޮންމެ ސިފައެއް ގައި ހުރިނަމަވެސް ތީ އަހަރެން އެންމެ ދެކެން ބޭނުންވާނެ ސޫރައެވެ. ލޯބި ބުނީމު ނޫންހެއްޔެވެ. އަހަންނަށް ބޭނުން ވާނީ އަހަރެންދެކެ ލޯބިވާ، އަހަންނަށް ކެއާ ކުރާނެ ރަނގަޅު ކުއްޖެކެވެ. ލޯބިވާއެވެ. އެކުއްޖަކީ ހަމަ ލޯބި އެވެ. ސަބަބަކީ ލޯބިވާ އަހަންނަށް ކެއާ ކުރި ވަރަށް އެހެން އެކަކުވެސް އަހަންނަށް ކެއާކޮށްފަ ނުވާތީއެވެ. ލޯބި ހީކުރަނީ ލޯބި އަހަންނާ ދުރަށް ދިޔައީ އަހަންނަށް ދެރައެއް ދޭން ބޭނުން ނުވާތީ ކަމުގައި ވަނީނަމަ ބުނެލަން ބޭނުން ވަނީ، ލޯބި އަހަރެން ދޫކޮށްލައިފިނަމަ އެއަށްވުރެ ބޮޑު ދެރައެއް ދެން އަހަންނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އަހަރެންގެ ހިތަށް ލިބޭނެ އަނިޔާ ދުވަހަކުވެސް ރަނގަޅެއް ނުކުރެވޭނެއެވެ. މިހާރުވެސް އަހަރެންގެ ހިތަށް ވަރަށް ތަދުވެއެވެ. ތެދަށް ބުނަނީނަމަ މިވަގުތުވެސް އަހަރެންގެ މެޔަށް ވާ ތަދު އަހަންނަށް އިހުސާސް ކުރެވެއެވެ. ލޯބިވާއެވެ. އަހަންނަށް މިހެން ނުހަދާށެވެ. އަދި ލޯބިވާ ގެ އަމިއްލަ ނަފްސަށްވެސް ތިހެން ނުހަދާށެވެ. ލޯބި އަހަރެންގެ ހަޔާތުން މުޅިން ދުރަށް ދިޔުމުގެ ކުރިން އަހަރެން މަރުވާން ބޭނުމެވެ. އަހަންނަށް ކެތެއް ނުކުރެވޭނެއެވެ.
ލޯބިވާއެވެ. މީ އަހަރެމެން ބޭނުންވި ގޮތެއް ނޫނެވެ. ކޮންމެ ކަހަލަ ދިރިއުޅުމެއްގައި ވެސް މައްސަލަތައް ޖެހޭނެއެވެ. އެ މައްސަލަތައް ޙައްލުކުރުމުން އެ ނިމުނީއެވެ. ފަހަރެއްގައި އަހަރެމެން އަދި އެހާ ތަސައްރަފު ނުފުރެނީ ކަމަށް ވެދާނެއެވެ. އެކަމް އަހަންނަށް ޔަގީނެވެ. އަހަރެމެން ނަށް މި މައްސަލަ ހައްލުކުރެވޭނެއެވެ. ކުރެވެން ޖެހޭނެއެވެ. އަހަރެމެން ހަމަ އެހާ ބަލިކަށީ ހެއްޔެވެ؟
ލޯބިވާ އެވެ. އަހަރެން ގަބޫލުކުރަމެވެ. އަހަންނަށްވެސް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެންމެ ދުވަހަކު ލޯބިވާގެ ހަބަރެއް ނުވުމުން ރުޅި އާދެވުނީ އެވެ. މާބޮޑަށް ލޯބި މަތިން ހަނދާންވުމުން އެގޮތަށް ކަންތައް ވީއެވެ. އަބަދުވެސް ލޯބިވާގެ މުށުތެރޭގައި ވުމަށް އެދެވުނީއެވެ. ލޯބިވާ އެވެ. އަހަންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އަހަންނަށް މާފުކުރާށެވެ. ދެން ދުވަހަކުވެސް އެހެންނެއް ނުވާނެއެވެ. އަހަންނަށް ލޯބިވާ އާއި ނުލާ އެއްވެސް އުފަލެއް ނުލިބޭނެއެވެ. ލޯބިވާ އެވެ. އެފަދަ ކުޑަ ކުޑަ ކަމަކާ ހެދި އަހަރެމެންގެ މި ދިރިއުޅުން އެއްލާނުލާށެވެ. އަހަންނަށް އަދި އެއް ފުރުސަތު ދޭށެވެ.  ތިޔަ ރީތި ހިނިތުންވުން ހާސިލްކުރުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވެސް ވެދާނަމެވެ.
އެންމެ ފަހަރަކުނަމަވެސް އަހަންނަށް މާފު ހައްގު ނުވަނީ ހެއްޔެވެ. ލޯބި އަހަރެންގެ ހަޔާތަށް އައުމުން އަހަރެން ގަބޫލުކުރީ އަހަރެން މީ މިދުނިޔޭގައިވާ އެންމެ އުފާވެރި އެކަކު ކަމުގައެވެ. ލޯބިވާއެވެ. އަހަރެންގެ އަތުން އެ އުފާވެރިކަން ބީވެގެން ދިޔަ ނުދޭށެވެ. އަހަރެންނަށް ހިނިތުންވުމެއް ގެނެސްދޭ ހަމައެކަނި ސަބަބަކީ ހަމަ ތި ލޯތްބެވެ. ލޯބިވާ އެވެ. އަދި އިތުރަށް ވިސްނާލާށެވެ. އަހަރެން ވަގުތު ދޭނަމެވެ. އަހަރެމެން ދެކެމުން އައި ހުވަފެން ތަކާދޭތެރެ އަދި އެއްފަހަރު ވިސްނާލަ ބަލާށެވެ".

ސިޓީ ލިޔެ ނިމުނު އިރު ރަނގަޅަށްވެސް އަހަންނަށް ރޮވިއްޖެއެވެ. އަހަރެން ފުންކޮށް ވިސްނާލީމެވެ. ހުމެއިދުއަށް މިސިޓީ ފޮނުވުން ރަނގަޅުވާނެ ހެއްޔެވެ. އޭނަ ހީކުރާނީ ކީކޭ ބާއެވެ. ފަހަރެއްގައި އަހަރެންދެކެ ރުޅިއައިސްފާނެ ބާއެވެ. އޭރުން އަހަރެމެން ދެމެދުގައި މިއޮތް ރަހުމަތްތެރިކަން ވެސް ނެތިގެން ހިނގައިދާނެއެވެ. މިކަހަލަ އެތައް ހިޔާލުތަކަކުން އަހަރެންގެ ހިތަށް ނުތަނަވަސް ކަން ވެރިވެގެން ދިޔައެވެ.
އަހަރެން ލިޔުނު ސިޓީ ވީދާލަން ބޭނުން ވިއެވެ. ނަމަވެސް ސިއްރެއް ގޮތުގައި އެ ބޭއްވީމެވެ. ހުމެއިދުއަށް އެ ފޮނުވާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
ހުމެއިދުގެ އެގްޒާމް ނިމި ޗުއްޓީވެސް ލިބިއްޖެއެވެ.  އަދިވެސް އޭނަގެ ފަރާތުން އެއްވެސް އިޝާރާތެއް އަހަންނަކަށް ނުލިބެއެވެ. އަހަރެން ކުރި ހުރިހާ އުންމީދުތަކެއް ބޭކާރުވީ ހެން ހީކުރެވެން ފަށައިފިއެވެ. އަހަރެންގެ އެގްޒާމް ވެސް ކައިރިވަނީ އެވެ. މިއީ އަހަރެންގެ އެންމެ ފަހު އަހަރެވެ. ރަނގަޅު ނަތީޖާއެއްް ވެސް ހޯދަން ބޭނުން ވެއެވެ. ނަމަވެސް އަހަންނަކަށް ކިޔެވުމަކަށް އެއްވެސް ސަމާލު ކަމެއް ނުދެވެއެވެ. ހުމެއިދު އެނބުރި އަހަރެންގެ ހަޔާތަށް އަންނާނެ ކަމުގެ އިންތިޒާރު ގައި އެތައް މަހެއް ގުނިއްޖެއެވެ. އޭނަގެ ހިތުގައި އަހަންނަށް އެއްވެސް ކުލުނެއް ހަމަ ނެތީހެއްޔެވެ.
އޭގެ އަނެއް ދުވަހެވެ. އަހަރެން ބޭނުންވީ ހުމެއިދު އާއި ބައްދަލު ކުރަން އޭނަގެ ގެޔަށް ދާށެވެ. އަހަރެން ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމަން ބޭނުންވެއެވެ. ނަމަވެސް އެގެއަށް ދާން އަހަންނަށް ކެރޭނެ ހެއްޔެވެ. އޭނަގެ މަންމަ މެނަށްވެސް މިހާރު އަހަރެމެން އުޅެނީ ރުޅިވެގެން ކަން އެނގެއެވެ. ކޮންމެ ގޮތެއް ވިއަސް ވަރިހަމައެވެ.
އެކަނި މާ އެކަނި އަހަރެން ޓްރެއިން ސްޓޭޝަން ގައި މަޑުކޮށްލައިގެން ހުރީމެވެ. ހުމެއިދުގެ ގެއަށް ދާން އެއްގަޑިއިރު ވަންދެން ޓްރެއިން ގަ އިންނަށް ޖެހުނެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވާހެން ހީވިއެވެ. ކުއްލިގޮތަކަށް އަހަރެން ހުމެއިދުއާ ބައްދަލުކުރަން އެހާ ދުރަށް އެކަނި ދިއުމުން އޭނަ ހީކުރާނީ ކީކޭ ބާއެވެ.
އަހަންނަށް ހުމެއިދުގެ ގެއަށް ދާކަށް ނުކެރުނެވެ. އަހަރެން އެ ހިސާބަށް ދެވުމުން ހުމެއިދުއަށް ފޯނު ކުރީމެވެ. ފޯނު ނަގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން ހުމެއިދު ފޯނު ނެގިއެވެ. އަދި އަހަރެން ބައްދަލުކުރަން އައިސް ހުރިވާހަކަ ބުނުމުން މާބޮޑު ޝަކުވާއެއް ނެތި އަހަރެން ކައިރިއަށް އައެވެ.
އަހަރެންގެ ހިތުގެ އެދުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުމެއިދުއަކަށް ކިޔައެއް ނުދެވުނެވެ. އެއަށްވުރެ އަހަރެންގެ ހާލު މާދެރައެވެ. އެހެން ކަމުން އަހަންނަށް ޖެހުނީ ހުމެއިދު ދައްކަމުން ދިޔަ ދުނިޔަވީ ވާހަކަތައް އަޑުއަހަން އިންނާށެވެ. އޭނަ އަދިވެސް ބޭނުން ވަނީ އަހަރެމެން މީ ދެ ރަހުމަތްތެރިން ގޮތުގައި ތިބޭށެވެ. އޭގެ މާނައަކީ އަދިވެސް އޭނަ އަށް އަހަރެން ދެކެ ލޯބި ވާކަމަށް ގަބޫލުނުކުރެވެނީއެވެ. ނޫނީ ގަބޫލުކުރަން ބޭނުން ނުވަނީއެވެ. ކީއްވެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން އުޅެ އުޅެ އަހަރެން ވަރުބަލިވެއްޖެއެވެ.
އެއްވެސް އުންމީދެއް ނެތް ދަތުރަކަށް ފަހު ހުސްއަތާ އަހަރެން ގެއަށް އައީ ރޮމުން ރޮމުން ނެވެ. އަހަރެން ބޭނުން ވަނީ ހުމެއިދުގެ ރަހުމަތްތެރިކަމެއް ނޫނެވެ. އޭނަގެ ތެދުވެރި ލޯތްބެވެ. އަހަރެމެން ދެމީހުން ދެކެމުން އައި ހުވަފެން ތަކުގަ ހަގީގީ ކުލަ ޖެހެން އަހަރެން ބޭނުންވެއެވެ.
އަޑިގަޑަކަށް ފަހު އުސްގަޑެއް އަންނާނޭ މުސްކުޅިން ބުނެ އުޅެއެވެ. އަހަރެން އުފާވެރި ދުވަސް ތަކަކަށް ފަހު ވެއްޓުނު މި އަޑިގަޑުން މިންޖުވާނީ ކޮންދުވަހަކުން ބާއޭ އަހަރެންގެ ހިތައް އަރައެވެ. އަހަންނަށް އުފަލެއް ލިބޭނީ  ހުމެއިދުގެ ލޯބި އަހަންނަށް ލިބުނު ދުވަހަކުން ނެވެ.
އަހަރެން އަދިވެސް އުންމީދު ކަނޑައެއް ނުލަމެވެ. އަހަރެން ލިޔުނު ސިޓީ ހުމެއިދު އަށް ފޮނުވުމަށް ނިންމީމެވެ. އަދި އޭނަގެ ލޯތްބަށް އެދި އާދޭސް ކުރުމަށް ނިންމީމެވެ. އަހަރެން ބޭނުންވީ ހުމެއިދުގެ ބެސްޓް ފްރެންޑް މެދުވެރިކޮށް އެކަން ކުރުމަށެވެ. އެގޮތުން އަހަރެން އޭނަ އަށް ގުޅީމެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރިގޮތާ މުޅިން ހިލާފަށެވެ. ހުމެއިދުގެ ބެސްޓް ފްރެންޑް ގެ ފަރާތުން އެނގުނު ގޮތުގައި ހުމެއިދު އަށް ވަނީ މިހާރު އެހެން ކުއްޖެއްދެކެ ލޯބި ވެވިފައެވެ. އެހެން ކަމުން އޭނަ ނަސޭހަތް ތެރިވީ ހުމެއިދުގެ ހަނދާން ތަކާ މަޑު މަޑުން ދުރަށް ދިއުމަށެވެ. އަހަރެންގެ ބަސް ހުއްޓުނެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ފުރާނަ އަހަރެންގެ ހަށިގަނޑާ ވަކިވި ހެން ހީވިއެވެ.
އަހަރެންގެ ހުރިހާ އުންމީދުތައް ފެނަށް ވީއެވެ. ހުމެއިދުގެ ލޯބި ހޯދަން މި ހުރިހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ އަކީ ހުމެއިދުއަށް އެހެން ކުއްޖެއްދެކެ ލޯބި ވެވުން ހެއްޔެވެ. އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ. ނަމަވެސް މިއަދު އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހުމެއިދު މަތިން ހަނދާން ނައްތާލުން ނޫން އެހެން ގޮތެއް ނެތެވެ. އަހަރެން ވިސްނާލީމެވެ. މި ހުރިހާ ދުވަހު އަހަރެން މި ވީ ގުރުބާނީ ތަކާ ކުރި ދުޢާ ތައް ބޭކާރުވެގެން ދިއުމަކީ ނާދިރު ކަމެކެވެ. ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް އަހަންނަށް މަސައްކަތް ކުރެވިއްޖެއެވެ.
އެތައް ދުވަހެއް ކަރުނައިގެ ތަންމަތީގައި ހޭދަކުރުމަށް ފަހު އަހަރެން ފުން ނޭވާއެއް ލީމެވެ. ވޭތުވެދިޔަ ހިތްދަތި ދުވަސްތައް ހަނދާން ނައްތާލުމަށް ފަހު އައު ހަޔާތެއް ފެށުމަށް އަޒުމް ކަނޑައެޅީމެވެ. އެތައް ދުވަހަކަށް ފަހު ރައްޓެހިންނާއި ޗެޓް ކޮށްލާ ހިއްވިއެވެ. އެގޮތުން ފުރަތަމައިނުން ވެސް ވަނީ "ފޭސްބުކް" އަށެވެ. އެތައް ބައިވަރު ފްރެންޑް ރިކްއެސްޓް ތަކާ މެސެޖް ތައް ހުއްޓެވެ. އަހަރެން އިންބޮކްސް ހުޅުވާލީމެވެ. ހުސްވެސް އަހުސަމްގެ މެސެޖް ތަކެވެ. އަހުސަމް އަކީ އެތައް ދުވަހެއް ކުރިން ސުރެ އަހަންނަށް ލޯބި ހުށައަޅަމުން އަންނަ ރަނގަޅު ކުއްޖެކެވެ. ހުމެއިދުއަށް ޓަކައި އަހަރެން އޭނަ އަށް އެއްވެސް ޖަވާބެއް ނުދީ އޭނަ  އިގްނޯ ކޮށްލަނީއެވެ.
އަހަރެން އޭނައަށް  ރިޕްލައި ކުރަން އުޅުނު ތަނާ ހުމެއިދުގެ ބެސްޓް ފްރެންޑް ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ވެސް ވާހަކަ ދެއްކީމެވެ. ބޭއިޙުތިޔާރުގައި އަހަންނަށް ހުމެއިދުއާއި އޭނާގެ ލޯބިވެރިޔާ ކިހިނެއްތޯ އަހާލެވުނެވެ. ޖަވާބުގައި އޭނަ ބުނީ އެކަން ވާގޮތެއް ނުވި ކަމަށެވެ. ހުމެއިދު އަށް ލޯބި ވެވުނު ކުއްޖާ އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަމަށާ ހުމެއިދުއަށް އެކަން އެގުނީ މާ ފަހުން ކަމުގައި ބުންޏެވެ. އަހަންނަށް އިތުރަށް ކުރާނެ ސުވާލެއް ނޭނގުނެވެ. އެވަގުތު ކޮންމެވެސް އެހެން މީހަކު ވާހަކަދައްކަން ފެށިއެވެ. އަހަރެން ބަލާލީމެވެ.  އެއީ އަހުސަމް އެވެ.

=ނިމުނީ=
A True Story
By, Abhal 27-06-2010

Sunday, August 8, 2010

My first short story written for a competition and won 3rd prize!




                         
ހާދަހާ ދެރައޭ ޙަޔާތާ...!
އަހަރެންގެ ނޭވާ ހާސްވަނީ އެވެ. ތަފާތު ފިކުރުތަކުން ހިތްނުތަނަވަސް ކުރުވަނީ އެވެ. އަބަދުވެސް ހުންނަނީ ކަރުހިތްކައިގެންފައެވެ. ކިތަންމެ ވަރަށް ފެންބުޔަކަސް އަލާއެއް ނުކެނޑެއެވެ. ފާޑަކަށް ކުރުގެޅިފައި އިނދެވެނީ އެވެ. މާފުށި ޖަލުގަ ހަދާފަހުރި އަށްފޫޓު އަށްފޫޓު ގެ މި ކުޑަގޮޅި އަކީ އަހަރެންގެ މަރުގެ ތަންމައްޗަށް ވެއްޖެއެވެ. މިއީ އަހަންނަށް އުޅެވުނު ވިޔާނުދާ ދިރިއުޅުމެއްގެ ހިތި ނަތީޖާއެވެ.
--------------------
ބ.އޭދަފުށްޓަށް އަހަރެން ހިޖުރަކުރީ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެވެ. އަހަންނަކީ މިއަތޮޅު ދަރަވަންދުއަށް އުފަން ބީރައްޓެއްސަކީމެވެ. އަތޮޅު މަދަރުސާ އިން ގުރޭޑް 10 ނިންމުމަށް ފަހު އަހަރެން އުޅުނީ ތަފާތު މީސްމީހުން ކައިރީ އެކިއެކި މަސައްކަތް ކޮށްދިނުމުގައެވެ. ކިޔެވި އެއްވެސް އެއްޗަކުން ފާސްނުވުމުން އިތުރަށް ކިޔެވޭނެ ފުރުސަތެއް ނުލިބުނެވެ. އަހަންނަށް ލިބޭ މަދު ފައިސާ ކޮޅު އަހަރެން ޙަރަދު ކުރަނީ މުޅިންވެސް ސިނގިރެޓް ބުއިމަށެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ އަހަރެންގެ ދިރިއުޅުން އޭދަފުއްޓަށް ބަދަލުކުރީ އަހަރެންގެ ރަހުމަތްތެރި އަޔާޒް ގެ އެހީގައެވެ.
އަޔާޒު އަހަންނަށް ވަރަށް ރަނގަޅެވެ. ކޮންމެކަމެއްގައިވެސް އަހަންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަހަންނަށް ވަޒީފާ އެއް ނުލިބުނު ނަމަވެސް މިރަށާ ޖެހިގެން އޮންނަ ރިސޯޓެއް ކަމަށްވާ ސޮނެވާފުއްޓަށް ދުވާލު މުސާރަޔަށް މަސައްކަތް ކުރަން ދިއުމުގެ ފުރުޞަތު އަޔާޒު އަހަންނަށް ހޯދަދިނެވެ.
މިގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަހަރެން ވެސް އަހަރެންގެ ދިރިއުޅުން އިތުރަށް ފުޅާ ކުރަން ބޭނުންވިއެވެ. މި ރަށުން ވަރަށް ޔަތީމު ނިކަމެތި އަންހެން ކުއްޖަކާ އަހަރެން ކައިވެނި ކުރީމެވެ. ދިޔާނާ އަކީ ވަރަށް ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. މައެއް ބަފައެއްގެ އެހީތެރިކަމަކާ ނުލާ އެކަނި މާއެކަނި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. އަހަންނަށް ދިޔާނާ ދެއްކީ އަހަރެންގެ އެކުވެރި އަޔާޒެވެ. ރެއާއި ދުވާލު އަހަރެން ދިޔާނާގެ ގޭދޮށުގައި މުގޯލިއަޅަމުން ހިނގީމެވެ. އަހަރެންގެ ލޯބި ގަބޫލުކުރުން އެދި އެތަކެއް ފަހަރު އާދޭސް ކޮށް ހެދީމެވެ. މުޅި އުމުރަށް ވެސް އެކީ އުޅޭނެ ކަމަށް ބުނެ އެތައް ވަޢުދު ތަކެއް ވީމެވެ. އެންމެފަހުން ދިޔާނާ އަހަރެންގެ ޙަޔާތަށް އައުމަށް އެއްބަސްވީ އެވެ.
އަހަރެމެން ނަށް ލިބޭ މަދު މުސާރަ ކޮޅުން ދެމަފިރިންގެ ޙަރަދު ތައް ފޫބެއްދޭ ވަރެއް ނުވެއެވެ. މިހެންވެ އަހަރެމެން ދެމަފިރިންގެ ދޭތެރޭ ތަފާތު މައްސަލަތައް ޖެހެން ފެށިއެވެ.
އަހަރެންވެސް ގަބޫލުކުރަމެވެ. އަހަންނަށް ލިބޭ މުސާރައިގެ ބޮޑުބައެއް އަހަންނަށް ޙަރަދު ކުރެވެނީ ސިނގިރެޓް ބުއިމަށެވެ. އަދި އަހަރެންގެ ރައްޓެހިންނަށް ސިނގިރެޓް ގަނެދިނުމަށެވެ. މިކަމަކީ ދިޔާނާ ވަރަށް ނުރުހޭ ކަމެކެވެ. އެހެންނަމަވެސް އަހަންނަށް ވަނީ ސިނގިރެޓާ ނުލާ ނޫޅެވޭ ވަރުވެފައެވެ. އަހަރެންގެ ތުނބުގަ ސިނގިރެޓެއް ނޯންނަ އިރެއް ވަރަށް މަދުވާނެއެވެ.
އަހަރެން އަހަރެންގެ ޙަޔާތުގެ ވާހަކަތައް ހަމައެކަނި ހިއްސާކުރަނީ އަޔާޒު އާއެވެ. އަހަންނަށް މިހާރު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަޔާ އިތުރު މަސައްކަތެއް ކުރަން ބޭނުން ވާ ވާހަކަ އަޔާޒު ކައިރީ ބުނީމެވެ.
"ތީކީ އެއްވެސް ކަމެއް ނޫން! ތިކަން ޙައްލު ކޮށްދީފާނަން!"
ވަރަށް ޔަގީންކަމާ އެކު އަޔާޒު ބުނެލިއެވެ.  އަހަރެން އެއީ ކިހިނެއްތޯ ސުވާލުކުރީމެވެ. ޖަވާބުގައި އޭނަބުނީ، އޭނަކުރާ ވިޔަފާރިއެއްގައި އޭނަ އަށް އެހީތެރި ވެދިނުމަށެވެ. އޭރަށް އޭނަޔަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި އަހަންނަށް ވެސް ދޭނެ ކަމަށް ބުންޏެވެ.
އަހަރެން އެއީ ކޮން ވިޔަފާރިއެއްތޯ ސުވާލުކުރީމެވެ. އަޔާޒު އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަހަރެން ގޮވައިގެން ގޮސް އޭނަގެ ކޮޓްރިއަށް ވެއްދިއެވެ.  އެއަށް ފަހު ދޮރު ތަޅުލިއެވެ.
" މިއީ ވަރަށްބޮޑު ސިއްރެއް! އެއްވެސް މީހެއްކައިރީ މިވާހަކަ ދައްކައިގެން ނުވާނެ!"
އަހަރެން އެއްވެސް ޝަކުވާއެއް ނެތި އަޔާޒު އާއި އެއްބަސް ވީމެވެ. ކޮންމެ ކަމެއްކުރަންޖެހުނަސް އަހަރެން ފަސްނުޖެހޭނެ ކަމުގައި ބުނީމެވެ.
އަލަމާރި ތެރެއިން ކުޑަފޮށްޓެއް ނަގައިގެން އައިސް އަޔާޒު އަހަރެން ކައިރީ އިށީނެވެ. ވަރަށްރީތިކޮށް ބަންދުކޮށްފަ ހުރި ޕާރުސަލެކެވެ. ހީވަނީ ލޯބިވެރިއަކު ވަރަށް ލޯބިން ގެނެސްދީފަ އޮތް ހަދިޔާއެއް ހެންނެވެ.
އަޔާޒު ވަރަށް ފަރުވާތެރިކަމާ އެކު އެފޮށި ކަނޑާލިއެވެ. އަދި އޭގެތެރެއަށް އަތްބޭނުމަށް ފަހު ކުޑަ ކުޑަ ހަތަރު ޕެކެޓް ނެގިއެވެ. މަޑުމަޑު މުށިކުލައިގެ ކުނޑިތަކެއް އަޅާފަ ހުރި ރަބަރު ޕެކެޓް ތަކެކެވެ. އެ ފެނުމާއި އެކު އަހަންނަށް އެއީ ކޮން އެއްޗެއްކަން އެނގުނެވެ. މީގެ އެއް އަހަރު ކުރިން އަހަރެންވެސް އަހަރެންގެ ރަށުގަ އެ ބޭނުންކުރީމެވެ. އަހަރެންގެ އޭރުގެ އެއް ރަހުމަތްތެރިޔެއް ކަމަށްވާ ހާމިދު އަހަންނަށް އެ ތައާރަފު ކޮށްދިނީ އެއީ "ހަޔާތަށް ދިރުންދޭ ކާނާ" އޭ ބުނަމުންނެވެ.
"ކޮން ޙިޔާލެއްގަ؟"
އަޔާޒު އަހަރެންގެ ގައިގައި ކޮށްޓާލިއެވެ. އަހަރެން އެތަނުން އެއްޕެކެޓް ނެގީމެވެ. އަދި އެ ހުޅުވާލުމަށްފަހު އޭގެން ކުނޑިކޮޅެއް އިނގިލި ކުރިޔަށް ޖައްސާލީމެވެ. އެއަށްފަހު ނޭފަތާ ކައިރިކޮށްލުމަށްފަހު ނޯށުގެ ތެރެއަށް ދަމާލީމެވެ.
" ވާ...އު، ހަންޑްރެޑް ޕަސެންޓް ކޮކެއިން" ފުންނޭވާއެއް ލުމަށް ފަހު ވަރަށް ޔަގީންކަމާއެކު އަހަރެން ބުނެލީމެވެ.
އަޔާޒް ހޭންފެށިއެވެ.
" އަހަރެން ހައިރާނެއް ނުވޭ! އަހަންނަށް ކުރިންވެސް އެނގޭ ޝިހާދު އަށް މީ ކޯންޗެއްކަން އެނގޭނެ ކަން. ޝިހާދުމެން ރަށު ހާމިދު އަކީ އަހަރެންގެ އެޖެންޓެއް"
މިހެން ބުނުމަށް ފަހު އަޔާޒު އަނެއްކާވެސް ހޭންފެށިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ދިޔާނާ އެކަނި މާ އެކަނި ކޮޓްރީގައި އޮށޯވެ ލައިގެން އޮތެވެ. ޝިހާދު އަންނާނެ ވަގުތެއްގެ އިންތިޒާރު ގައެވެ. އެކަނިވެރިކަން ފަޅުފިލުވާލަދޭނެ ދަރިޔަކު ބޭނުންވާ ވާހަކަ ޝިހާދު ކައިރީ ބުނުމުގެ ފޮނި އިންތިޒާރުގައި އޮއްވައި ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ.
ދިޔާނާ  ވީ އުފަލުން ފުންމައިގެން ތެދުވެ ދުވެފަގޮސް ދޮރު ހުޅުވިއެވެ. އެވަގުތު ކުރިމަތީގައި ހުރީ ޝިހާދުގެ އެންމެ އެކުވެރި އަޔާޒެވެ. ދިޔާނާ ވާހަކަ ދައްކަން އަނގަހުޅުވާލިތަނާ އަޔާޒު ދިޔާނާގެ އަނގަމަތީގައި ބާރަށް ހިފެހެއްޓި އެވެ. އަދި ދޮރު ލެއްޕުމަށް ފަހު ތަޅުލިއެވެ.

އިރު އޮއްސި މުޅިރަށް އަނދިރިވެއްޖެއެވެ. ސޮނެވާ ފުށީ ފެރީ ދޯނިން ފައިބައިގެން ގެއާދިމާލަށް ދާން އަހަރެން ހިނގާ ގަތީ ވަރަށް އުފަލުން ހުރެ އެވެ. މިއަދުގެ ވިޔަފާރި ވަރަށް ރަނގަޅުވުމުން ނެވެ. އަޔާޒު ބުނި އަގަށްވުރެން ދެގުނަ ބޮޑުކޮށް މިއަދުގެ "ޑީލް" އަހަރެން ނިންމާލީ މެވެ.
ގެއަށް ނުދެވެނީސް އަޔާޒު ސައިކަލުގަ އައިސް އަހަންނާ ބައްދަލު ކުރި އެވެ. އެއަށް ފަހު އަޔާޒު އާ އެކީ ގޮސްވަނީ ކެފޭ އަކަށެވެ. ކަޅު ކޮފީ އަށް އޯޑަރު ދިނުމަށް ފަހު ސިނގިރެޓެއް ދިއްކޮށްލަމުން އަޔާޒް އަހަންނާ ވާހަކަ ދައްކަން ފެށިއެވެ.
" ކޮބާ ޑީލް ކިހިނެއް؟"
އަހަރެން ހިނިތުން ވެލީމެވެ. އަދި ވަރަށް ކާމިޔާބު ކަމުގައި ބުނަމުން އަހަރެންގެ ވޮލެޓް ނެގީމެވެ. އަދި އަޔާޒު ބުނި އަގަށް ވާ ފައިސާ ނެގުމަށް ފަހު އޭނަގެ އަތަށް ދިއްކޮށްލީމެވެ.
އަޔާޒު އެފައިސާގަ ހިފި އެވެ. އަދި އޭގެން ތިންބައި ކޮށްފަ ދެބައި އަހަރެންގެ އަތަށް ދީފަ މިއީ ބޯނަސް އޭ ބުނެލިއެވެ. އަދި މިރޭ ގެއަށް ދިއުމުގެ ކުރިން އެއް ޑީލް ނިންމާލަން ޖެހޭނެ ކަމަށް ބުންޏެވެ.
އަހަރެން އެއްބަސް ވީމެވެ. އެވަގުތު އަޔާޒް އަހަރެންގެ އަތަށް ސިނގިރެޓް ފޮށްޓެއް ދިއްކޮށްލަމުން " ދިސް އިޒް އިޓް" މިހެން ބުނެލިއެވެ.

ކޮފީ ބޮއެ ނިމުމުން އަހަރެމެން ދިޔައީ ރަށުގެ ބަނދަރުމަތީގައި ހަދާފަ ހުރި ބޮޑު އިސްޓޭޖް ކައިރިއަށެވެ. އެތަނަށް އަހަރެން ބޭލުމަށް ފަހު އަޔާޒް ދިޔައީ ގެއަށެވެ. އަހަރެން އިސްޓޭޖު ފުރަގަހުގައި އަޔާޒު އެތަނަށް އަންނާނެ ކަމަށް ބުނި ކުއްޖެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިނީމެމެވެ.

ކުއްލިއަކަށް އަހަރެންގެ ހަތަރެސް ފައި ކޮޅަށް ޖެހުނެވެ. އައި ނައި ދިމާލެއް އެނގުމަކާ ނުލާ ފުލުހުން އައިސް އަހަރެން ވަށާލިއެވެ. އަދި އަހަރެން ފާސް ކުރުމަށް ފަހު ޖިޕަށް އަރުވައިގެން އަހަރެން ގެންދިޔަ އެވެ.
ހުރިހިތާމައެއްގެ ބޮޑުކަމާ އެވެ. އަހަރެންގެ މުޅި ހަޔާތް ބަރުބާދު ވީއެވެ. އަހަރެން ފުލުސް އޮފީހަށް ގެންދިއުމަށް ފަހު ސުވާލު ކުރުމަށް ޓަކައި
ގޮނޑީގައި ބޭން ދިއެވެ. އޭރު އަހަރެންގެ އެކުވެރި އަޔާޒުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސަ އިނެވެ. އެވަގުތު އަޔާޒު އަހަންނާ ދިމާ ލަށް ހަޅޭ ލަވަން ފެށިއެވެ. މިކަން ބަސްޓުވީ އަހަރެން ފަރުވާ ކުޑަކަމުންނޭ ބުނެ އަޑުގަދަ ކުރި އެވެ. އެވަގުތު ފުލުހުންގެ އިންޗާރޖު އައިމަން މަންސޫރު އައިސް އަޔާޒުގެ އަނގަމަތީގަ ހިފެހެއްޓިއެވެ. އަދި އިތުރަށް އެންމެ ބަހެއްވެސް ނުބުނެ މަޑުން އިނުމަށް އިންޒާރު ދިނެވެ.
ކުއްލިއަކަށް އަހަރެން އަންހެނުންގެ މަތިން ހަނދާން ވިއެވެ. މިތަނުން ދެން ސަލާމަތް ނުވާނެ ކަން ޔަގީން ވުމުން އެންމެ ފަހަރަކު ނަމަވެސް ދިޔާނާއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ. ނަމަވެސް ފުލުހުން އަހަންނަށް އެ ފުރުސަތު ދޭން އިންކާރު ކުރި އެވެ. ތަކުރާރު ކޮށް އާދޭސް ކުރަން ފެށުމުން ފުލުސް އޮފީހުގެ ފޯނުން ލައުޑް ސްޕީކަރަށް ލުމަށް ފަހު ދިޔާނާ އަށް ގުޅިއެވެ. ދިޔާނާ ފޯނު ނެގުމާއި އެކު ފުރަތަމަ ވާހަކަ ދެއްކީ ފުލުހުންގެ އިންޗާޖެވެ. ދިޔާނާގެ ފިރިމީހާ މަސްތުވާ ތަކެތީގެ ސާބިތު މައްސަލައެއްގައި ހަތްޔަރު ކުރެވެއްޖެ ކަމަށާ، ޝިހާދު ކައިރީ ބުނެލަން ބޭނުން ވާހަކައެއް އޮތްނަމަ އަވަހަށް ބުނުމަށް އެދުނެވެ.  
އެވަގުތު ދިޔާނާ އަޑުން އަޑުނަގާ ރޯންފެއްޓިއެވެ. ޝިހާދު ވެސް އަހަންނަށް މާފުކުރާށޭ ބުނެ ރޯންފެށިއެވެ.

" ޝިހާދުގެ އެކުވެރި އަޔާޒު އަކީ ވަރަށް ރަހުމެއް ނެތް އަނިޔާ ވެރިއެއް، އޭނަ މިއަދު އަހަރެންގެ މުޅި އިއްފަތް ތެރިކަން ވެއްޔާ މޮޑެލައިފި...."
ރޮމުން ރޮމުން ދިޔާނާ އެބުނި އެއްޗެއް އަޑުއިވުނީ ހަމަ ކިރިޔާ އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ހީވީ ކަންފަތްމަތީ މީހަކު ޖެހި ހެންނެވެ. ހައިވެފައި އޮތް މިނިކާވަގެއް ހެން އަހަންނަށް އަޔާޒުގެ ގައިމައްޗަށް ފުންމާލެވުނެވެ. އަދި ގައިގަ ހުރި ބާރެއްލާފަ އޭނަގެ ކަރުގަ ހިފައި ގަނެވުނެވެ. ފުލުހުން ވަގުތުން އަހަރެން ދުރުކުރުވަން އުޅުނެވެ. ނަމަވެސް އަހަރެންގެ ގަޔަށް ހުރީ އާދަޔާ ހިލާފު ބާރެއް ޖެހިފައެވެ. ފުލުހުންނަށް އަހަރެން ދުރުކުރެވުނު އިރު އަހަރެން ވަނީ ހަބަރު ހުސްވެފައެވެ.
------------------------------
އިރުކޮޅަކުން ފުލުހުން އައިސް އަހަރެން އޮތް ޖަލުގެ ގޭޓް ހުޅުވިއެވެ. މިއަދު މީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ދުވަހެވެ. އަހަރެންނަށް މަރުގެ ހުކުމް އިއްވޭ ދުވަހެވެ. އަހަރެންގެ ހަޔާތް މި ނިމިގެން ދަނީ ކޮންފަދަ ހިތި ގޮތަކަށް ހެއްޔެވެ. ހަޔާތަށް ދިރުން ދޭ ކާނާ އެއް ގެ ގޮތުގަ ބަލައިގަތް މަސްތުވާތަކެތި  އެންމެފަހުންމިވީ އަހަރެންގެ ހަޔާތަށް ނިމުން ގެނުވަދިން ޒަހަރަކަށެވެ.  
=ނިމުނީ=
By: abhal – 16-09-09

Friday, July 30, 2010


ޖުލައި މަހުގެ ފަންސަވިސް ވަނަ ދުވަހުގެ ރެއެވެ. ބެންކް އޮފް މޯލްޑިވްސް އޭދަފުށި ބްރާންޗް ކައިރީ ހުރި އޭޓީއެމް މެޝިނުން ދެހާސް ރުފިޔާ ނެގުމަށް ފަހު ރިޝާދާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެވަގުތު މާ ދުރުގައި އެމަންޒަރު ބަލަން ހުރި ހަކީމް އާއި އޭނަގެ ދެ އެކުވެރިންގެ ހިތުގައި ކުރެހެމުން ދިޔައީ މުޅިން އެހެން ކަހަލަ މަންޒަރެކެވެ. އޭޓީއެމް މެސިނުން ރުފިޔާ ނަގަނީ ކޮންބައެއް، ކޮންވަގުތެއްގައި ކަމާ، އެމީހުން ނަގަނީ ކިހާ ފައިސާއެއް ކަން ގިނަ ފަހަރަށް މިމީހުންނަށް ސިއްރެއް ނުވެއެވެ. ނަގާ ފައިސާގެ އަދަދު ގިނަފަހަރަށް އެނގެނީ މެސިން ކައިރީ ހުންނަ ޑަސްޓް ބިން ގެ އެހީގައެވެ.

އެ ރެއަކީ ޖުލައި މަހުގެ ހަތާވިސް ވަނަ ދުވަހުގެ ރެއެވެ. ހަކީމް އާއި އޭނަގެ ދެ އެކުވެރިން މަޝްވަރާ ކުރަމުން ދިޔައީ އެމީހުންނަށް އެއާ ނުލާ ދިރި ނުހުރެވޭ އެއްޗެއް ގަތުމަށް ބޭނުންވާ ފައިސާ އަތުގައި ނެތުމުން އެ ފައިސާ ހޯދާނެ ގޮތަކާއި މެދުއެވެ. ހަކީމް އޭނަގެ އެއްބަޑު އެއްބަފާ ބޭބެ ގެ ވޮލެޓުން މީގެ ކުޑަދުވަސް ކޮޅެއް ކުރިން ނެގި ފައިސާ ސިނގިރެޓަށް ހަރަދު ކޮށްކޮށް ވަނީ ހުސްވެފައެވެ. އެހެންކަމުން މިމީހުން ނިންމީ މިރޭ ރިޝާދާ މެން ގެއަށް ސިއްރުން ވަދެ ވަގަށް ރުފިޔާ ކޮޅެއް ލިބޭތޯ ބެލުމަށެވެ.

ވައްކަން ކުރުމަކީ މިމީހުން އަލަށް ކުރާ ކަމެއް ނޫނެވެ. މިކަމުގެ ފުރިހަމަ ތަޖުރިބާ މިމީހުންނަށް ލިބިފައި ވެއެވެ. ހަކީމަކީ މީގެ ކުރިންވެސް ވައްކަމުގެ ރެކޯޑްތަކެއް ގާއިމް ކޮށްފައިވާ ޒުވާނެކެވެ.

ވަގުތަކީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ގަޑިން މެންދަމު ދެގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ހަކީމް އާއި އޭނަގެ ދެ އެކުވެރިން ރިޝާދާގެ ގޭ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. ތިންމީހުންވެސް ލައިގެން ތިބީ ކަޅުކުލައިގެ ސޯޓުބުރިޔާ ކަޅުކުލައިގެ ޓީސާޓެވެ. ފައިވާނަކީ މިފަދަ ވަގުތު ތަކުގައި މިމީހުން ބޭނުންކޮށް އުޅޭ އެއްޗެއް ނޫނެވެ. ދަންވަރު ގަޑީގައި އުޅޭ ވަގުންގެ ޑްރެސް ކޯޑް އާންމުކޮށް ހުންނަނީ މިހެންނެވެ.

ވަށައިގެން ދެކޮޅު ބަލައިލުމަށް ފަހު އެގޭ ފާރުމައްޗަށް ހަކީމް އެރިއެވެ. ހަކީމަކީ އާދައިގެ އިސްކޮޅެއް ހުންނަ ހިކިތޮޅި ކުއްޖެކެވެ. ތަންތަނަށް އަރާ ފޭބުމަކީ މީނާއަށް ނުހަނު ފަސޭހަ ކަމެކެވެ. ބަލާކަށް ނެތި ގެވަޅު ތެރެއަށް އޭނަ ފުންމާލިއެވެ. އެވަގުތު އަނެއް ދެ މީހުން ދެފަރާތުން ދެމަގަށް ވާގޮތަށް ފިލާ ހުއްޓެވެ. އެމީހުންގެ ޑިއުޓީ އަކީ އެއްވެސް ދިމާލަކުން މީހެއްގެ ހިލަމެއް ވޭތޯ ބަލާ ފާރަވެރިވުމެވެ.

ހަކީމް މަޑުމަޑުން ގޮސް އެގޭ ބޭރުން ވަދެވޭގޮތަށް ހުރި ލޯންޑްރީތެރެއަށް ވަނެވެ. އަދި އެތާ ހުރި ދޮންނަމެސިން މައްޗަށް އެރުމަށް ފަހު ޖެހިގެން ހުރި ކޮޓްރި ފާހާނާގެ ފެންލައިޓް ހުޅުވޭތޯ ބެލިއެވެ. ނަމަވެސް އެތެރެއިން ލޮކް ކޮށްފަ ހުރުމުން އެކަން ވާގޮތެއް ނުވިއެވެ. މިގޮތަށް ވައްކަން ކުރަން އުޅޭ މީހުންނަކީ އާންމުކޮށް ހަތަރެސްފައި ދޮވެ ގައިން ބޮލުން ތާހިރުވެގެން އުޅޭބައެއް ނޫނެވެ. މަސައްކަތް ކާމިޔާބު ވާގޮތް ނުވުމުން މެޝިން މަތިން މަޑުމަޑުން ފޭބިއެވެ. އެވަގުތު އޭނަގެ ފައިތިލައިގެ ނިސާން މެޝިންގަ ހުރެދާނެ ކަމާމެދު އެފަދަ މީހަކު ވިސްނުމަކީ ދުރުކަމެކެވެ.

ހަކީމް އަކީ މިގޭގެ އެތެރެ އާއި ބޭރު ހުންނަ ގޮތް ރަނގަޅަށް އެނގޭ ކުއްޖެކެވެ. އެހެން ކަމުން ދެން ފާރުމަތިން، ޖެހިގެން ހުރި ގޭ ފުރާޅުމަތިން ލާފަ ގޮސް ރިޝާދާމެންގޭ ފުރާޅުމައްޗަށް އެރި އެވެ. އެއަށްފަހު މަޑު މަޑުން ހިނގާފަ ގޮސް ރިޝާދާ ނިދާ ކޮޓްރި ފާހާނާގެ ވައިގޮޅި ކައިރީ މަޑުކޮށްލިއެވެ. ވައިގޮޅީގެ ބޮޑުމިނުގައި ހަތަރު ފޫޓް ހަތަރު ފޫޓް ހުރި ނަމަވެސް ފުރާޅުމަތިން ކަނޑާފަ ހުރީ ދޮޅުފޫޓް ގެ ކުޑަ ކުޑަ ގޮޅިއެކެވެ. އަދި އެ ވައި ގޮޅީގެ އުސްމިނުގައި ވިއްސަކަށް ފޫޓް ހުރި އިރު އެތަނަށް ފޭބުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެތީ މަޑުމަޑުން އައިސް ފުރާޅު މަތިން ފޭބިއެވެ.

ހަކީމު އެގެ ވަށައިގެން ބަލާލިއެވެ. ކުއްލިއަކަށް އޭނަގެ ނަޒަރު ހުއްޓުނީ ގެއާ އިންވެގެން ހުރި ބަދިގޭގެ ފެންލައިޓަށެވެ. ފެންލައިޓް ހުރީ އަށެއްކަ ފޫޓް އުހުގައި ނަމަވެސް ހުރީ ހުޅުވާފައެވެ. ބަލަން ބަލަން ނުހުރެ ވަގުކަލޭގެ އެ ފެންލައިޓް ތެރެއިން އެތެރެއަށް ދެމިގަތެވެ. އެ ގެއަކީ އާދައިގެ ފެންވަރަކަށް ރީތިކޮށް ހަދާފަ ހުރި ގެއެކެވެ. ތަށިމުށިތަށް މަތީ ހުސްފަޔާ މީހަކު ހިނގާފަ ދާއިރު އެއްވެސް އަޑެއް ނުއިވޭނެ އެވެ. ވަގުކަލޭގެ މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. އަދި އެއްވެސް އަޑެއް ނުލައްވާ ގޭތެރޭގެ އެތަން މިތަން ބަލަމުން ދިޔައެވެ. ސާދަ އިންޗީގެ ކުޑަ ޓީވީއެއް ފެންނަ ހިސާބުގައި ހުއްޓެވެ، އަދި ޓީވީ މަތީ ޑީވީޑީ ޕްލޭޔަރަކާ ޕީއެސް އެއް ހުއްޓެވެ. ވަގުކަލޭގެ ބޭނުންވަނީ ސިދާ ފައިސާ އެވެ. ކުއްލިއަކަށް އައިސްއަލަމާރި މަތީ ބާއްވާފަ އޮތް ވިހި ރުފިޔާގެ ނޫޓެއް ފެނުނެވެ. ވަގުތުން އެ ނަގާ ޖީބަށް ލިއެވެ.

ހަކީމް އެގެއަށް ވަނީ އެންމެ ވިހިރުފިޔާ ހޯދުމުގެ ނިޔަތެއްގައެއް ނޫނެވެ. އެހެންކަމުން އަނެއްކާވެސް ވަށައިގެން ނަޒަރެއް ހިންގާލިއެވެ. އެވަގުތު ވަގުކަލޭގެ ލޮލުގައި އަޅައިގަތީ ރިޝާދާ ނިދާ ކޮޓްރި އަށް ވަންނަ ދޮރު މަތީ ހުރި ފެންލައިޓް ހުޅުވާފަ ހުއްޓައެވެ. ވަގުތުން ގޮސް އެ ފެންލައިޓް މަތިން އެތެރެއަށް ބޯދިއްކޮށްލިއެވެ.

ރިޝާދާ އޮތީ ގަދަނިދީގައެވެ. އެހެންކަމުން އެއްވެސް އަޑެއް ބަޑެއް ނުއިއްވާ ވަގުކަލޭގެ އެ ކޮޓްރި ތެރެއަށް ދެމިގަތެވެ. ވަގުކަލޭގެ ރަނގަޅަށް ކޮޓްރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ޑްރެސިން ޓޭބަލް މަތީ ރިޝާދާގެ ޕާސް އޮއްވަ ފެނުނެވެ. އޭގެ ތެރޭގައި ފައިސާ ހުންނާނެ ކަން ވަގުކަލޭގެ އަށް ޔަގީނުންވެސް އެނގެއެވެ. ރިޝާދާ އޮތީ ހަމަ ގަދަ ނިދީގައެވެ. ވަގުކަލޭގެ އަވަސް އަވަހަށް އެ ޕާސް ތެރޭގައި ހުރި ހުރިހާ ފައިސާ އަދި ވިސާ ކާޑް ނެގުމަށް ފަހު ޖީބަށް ލިއެވެ.

ދެން ވަގުކަލޭގެ ބެލީ އެއްވެސް އަޑެއް ނީއްވާ އެކޮޓްރިން ބޭރަށް އެންމެ ފަސޭހައިން ނިކުމެވޭނެ ގޮތެއް ފެނޭތޯއެވެ. ފޭންލައިޓް މަތިން އަރަނިކޮށް އަޑެއް އިވިގެން ރިޝާދާއަށް ހޭލެވިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ރިޝާދާ އަށް ވަގުކަލޭގެ ފެނިއްޖެނަމަ އެއީ ކާކުކަން އެނގޭނެ އެވެ.

ވަގުކަލޭގެ މަޑުމަޑު ފާހާނާގެ ދޮރު ވަރަށް ފަރުވާތެރިކަމާ އެކު ހުޅުވާލިއެވެ. ފާހާނާގެ ފެންލައިޓް ހުރީ ފުދޭވަރަކަށް އުހުގައެވެ. ޔަގީނުންވެސް ނޭރޭނެ ހިސާބުގައެވެ. ދެން މަޑުމަޑުން އައިސް ވައިގޮޅީގެ ކުޑަދޮރު ހުޅުވާލިއެވެ. އެތަންވެސް ހުރީ ނިކުމެވޭ ކަހަލަ ގޮތަކަށް ނޫނެވެ.

އެވަގުތު ރިޝާދާ ނިދީގައި އޮވެގެން ހަރަކާތެއް ކުރި އަޑު ވަގުކަލޭގެއަށް އިވުނެވެ. ވަގުކަލޭގެ ސިއްސައިގެން ގޮސް ވައިގޮޅިތެރެއަށް މަޑުމަޑުން ފޭބިއެވެ. ވަގުކަލޭގެ ހުރީ ބިރުން ސިހި ސިހިއެވެ. ބަސްޓްވެދާނެ ކަމުގެ ބިރުގައެވެ. އަނގަމަތީ އަތްއަޅައިގެން ވައިގޮޅިތެރޭ މަޑުމަޑުން ފިލާ ހުއްޓެވެ.

ރިޝާދާއަށް ކުއްލިއަކަށް ހޭލެވުނެވެ. ލޯހުޅުވައި ބަލައިލި އިރު ފާހާނާ ދޮރު ހުޅުވިފަ ހުއްޓަ ފެނުނެވެ. ކުޑަކޮށް ދެލޯފުހެލުމަށް ފަހު ބާލިސް ދަށުގައި އޮތް ފޯން ނަގައި ގަޑި ބަލާލިއެވެ. އޭރު ދަންވަރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. ރިޝާދާ ފާޑަކަށް ގަބުވެފައި ފާހާނާގެ ދޮރަށް ބަލަހައްޓައިގެން ވިސްނަން އިނެވެ. ދޮރު ހުޅުވުނުގޮތަކާއި ދޭތެރެ ކަންތައް ބޮޑުވެފައެވެ. އެވަގުތު ވަގުކަލޭގެ ބިރުން ތުރުތުރުއަޅާ ހާލު ވައިގޮޅިތެރޭ ސިއްރު ސިއްރުން ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ރިޝާދާ ވެސް ނިދިޖެހިގެން އެނދުގައި އޮށޯތެވެ.

ވައިގޮޅިތެރޭ ފިލާ ހުރި ވަގުކަލޭގެ ބަލަން ބަލަން ނުހުރެ ކުޑަދޮރުމައްޗަށް އަރާ ފެންލައިޓް މައްޗަށް ފުންމައިގެންފަ ކޮޓްރިން ބޭރަށް ނިކުތެވެ. ބިރުން ތެޅިތެޅި ހުރި ވަގުކަލޭގެ މިގެނާ ހަރަކާތް ގެނައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ވަގުކަލޭގެ އަވަހަށް ގޮސް ވަނީ ބަދިގެ ތެރެއަށެވެ.

އެވަގުތު ރިޝާދާ އަށް ކޮންމެވެސް އަޑެއް އިވިގެން ފުންމައިގެން ތެދުވިއެވެ. ދެލޯފުހެލުމަށް ފަހު ސައިޑް ޓޭބަލް މަތީ އޮތް އައިނު ނަގާ ލޯމައްޗަށް ހެޔޮވަރުކޮށްލިއެވެ. އަދި ފާޑަކަށް ވައިގޮޅިއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ރިޝާދާ އަށް ހީވިގޮތުގައި ރިޝާދާއަށް އިވުނީ ވައިގޮޅީގެ ކުޑަދޮރު ޖެހުނު އަޑެވެ.

ވަރަށް ބިރުން ހުރެ އެނދުމަތިން ތެދުވެގެން އައިސް ވައިގޮޅި ކައިރީ ހުރި ސުވިޗްބޯޑް ކަައިރީ މަޑުކޮށްލިއެވެ. ކޮޓްރިތެރެއަށް އެޅިފައި ހުރި ބެޑްލައިޓް ގެ އަލި ފަނޑުކަމުން ވައި ގޮޅީގެ އެތެރެއެއް ނުފެނެެއެވެ. ވަރަށް ބިރުން ހުރެ ރިޝާދާ ކޮޓްރީގެ ބޮކިތައް ދިއްލި އެވެ. ބޭރުގައި ހުރި ވަގުކަލޭގެ އެވަގުތު ބަދިގެ ތެރޭގައި ހުރި ފެންލައިޓް ތެރެއިން ޖެހިގެން ހުރިގޭ ފުރާޅު މައްޗަށް ފޭބިއެވެ.

ރިޝާދާ ބިރުގެންފަ ހުރިވަރުން ވައިގޮޅިތެރެ ބަލާކަށް ނުކެރުނެވެ. ރިޝާދާ އަށް ހީވަނީ ވައިގޮޅިތެރޭގައި މީހަކު އުޅޭހެންނެވެ. ވަރަށް ބިރުން ހުރެ ކޮޓްރި ދޮރުހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. އަދި ބޭރު ބޮކިތައް ދިއްލުމަށް ފަހު ކާމޭޒުކައިރީގައި އިށީނެވެ. އެވަގުތު އަނެއް ދެ ކޮޓްރީގައި ނިދާފަތިބި ދެމީހުންވެސް ތެދުވިއެވެ. ކުއްލިއަކަށް ދެން އިވުނީ ފުރާޅުމަތިން މީހަކު ދުއްވައިގަތް އަޑެވެ.

(ނޯޓް: މިއީ އޭދަފުށީގައި ދާދިފަހުން ހިނގައިދިޔަ ހަގީގީ ވައްކަމުގެ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައި މިވަނީ ހިޔާލީ ނަން ތަކެކެވެ. މިއީ އެއްވެސް މީހަކަށް ތުހުމަތުކޮށްގެން ބޭނުން ކޮށްފައިވާ ނަންތަކެއް ނޫނެވެ. )

________________________

This is a fiction written based on a true incident.

By, Abhal – 30/07/2010